https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޓެލެކޮމް ލައިސަންސް ކުރިއަށް އޮތް 5 އަހަރުތެރޭގައި އިތުރު ފަރާތަކަށް ނުދޭނަން- ޝައުނާ

  • Writer: Goal mv
    Goal mv
  • Jun 24, 2021
  • 1 min read


ކުރިއަށް އޮތް 5 އަހަރު، އާ ފަރާތަކަށް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރ ލައިސަންސް ނުދޭން ސަރުކާރުން ދިރާގު އަދި އޫރިދޫ އާއި އެކު އެއްބަސްވެފައިވާކަން ހާމަވެއްޖެއެވެ.


މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ ފަރާތަކުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން (ކޭމެ) އަށް ހުށަހެޅި މަހޯލި ފޯމެއްގެ ޖަވާބުގައި އެ އޮތޯރިޓީ އިން ވަނީ އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ދިރާގު އަދި އޫރިދޫ އާއި އެކު ސަރުކާރުންވި އެއްބަސްވުމުގެ ތަފްސީލު ހިއްސާކޮށްފައެވެ.


ކޭމް އިން ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކަށް ސަރުކާރާއި އެކު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ މައިގަނޑު ދެ ކުންފުނި ކަމަށްވާ އޫރިދޫ އަދި ދިރާގާއި އެކުގައި ރަސްމީ އެއްބަސްވުމެއް ނެތެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ކުރިއަށް އޮތް 5 އަހަރު އިތުރު ފަރާތަކަށް ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓިން ލައިސަންސް ނުދޭނެ ކަމުގެ ޔަޤީންކަން އެ ދެ ކުންފުންޏަށް ދީފައެވެ. މިގޮތުން ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް، އިންޓަނެޓް ސާވިސް ޕްރޮވައިޑަރ ލައިސަންސް، ނޫނީ މޯބައިލް ޓެލެފޯނީ ލައިސަންސް ފަދަ އެއްވެސް ލައިސަންސްއެއް 5 އަހަރަށް ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



އަދި ސަރުކާރުން ދިން ޔަޤީންކަމުގެ މައްޗަށް ބިނާކޮށް ދިރާގު އަދި އޫރިދޫއިން ވަނީ ޖުލައި 2021 އިން ފެށިގެން އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައެވެ. އަދި 3 އަހަރު ފަހުން، މި އަގުތަށް އަނެއްކާވެސް މުރާޖައާ ކުރެވޭނެކަމަށް ކޭމް އިން ދީފައިވާ ޖަވާބުގައި ބުނެފައިވެއެވެ.


އިތުރު ފަރާތަކަށް ޓެލެކޮމް ލައިސަންސް ނުދޭން އެއްބަސްވި ނަމަވެސް، އާ ޓެކްނޮލިޖީތަކާއި ހިދުމަތްތައް ދިނުމަށް އިތުރު ފަރާތަކަށް ހުއްދަ ދިނުމަށް ހުރަހެއް ނެތް ކަމަށްވެސް ކޭމް އިން ބުނެފައިވެއެވެ. މިގޮތުން ސްޓާލިންކް ހިދުމަތް ފަދަ ސެޓެލައިޓް ބޭނުންކޮށްގެން އިންޓަނެޓު ފޯރުކޮށްދޭ ފަރާތްތަކަށް އެކަންކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް އިތުރު ފަރާތަކަށް ޓެލެކޮމް ލައިސަންސް ދޫނުކޮށް މަޑު ކުރާނީ އިންޓަނެޓު ހިދުމަތްދޭ ފަރާތްތަކުން ސަރުކާރުން އެދިފައިވާ އަގުތަކުގައި ހިދުމަތް ދެމުން ގެންދާނަމައެވެ.


ކޭމް އިން ބުނެފައިވާ ގޮތުގައި ސަރުކާރުން މިފަދަ އެއްބަސްވުމަކަށް އައިސްފައިވަނީ އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކާއި، ރާއްޖޭގައި ހަރަކާތްތެރިވާ މި ދާއިރާގެ މާހިރުންނާއި ގިނަގުނަ މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ.

އަލަށް ކަނޑައެޅި އިންޓަނެޓުގެ އަގުތަކާއި އެކު ހިދުމަތް ދޭން ފަށާނީ ކުރިއަށް އޮތް މަހުން ފެށިގެންނެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page