ސަރުކާރަށް ފާޑު ކިޔާވަރުން ކެއްނުވެގެން އެމްޕީއެލްގެ ސްޕަވައިޒަރެއް ވަޒީފާ އިން ވަކިކޮށްފި
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

ސަރުކާރާއި ދެކޮޅު ހިޔާލުތައް މީސް މީޑިއާގައި ފާޅުކުރާތީ އެމްޕީއެލްގެ ސްޕަވައިޒަރެއް ވަޒީފާ އިން ވަކިކޮށްފިއެވެ.
ވަޒީފާ އިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގައި މަސައްކަތް ކުރާ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އިސްމާއިލް ރަޝީދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރިކަން ފުރަތަމަ އަންގާފައި ވަނީ ފޯނުން ގުޅާފައެވެ. ވަޒީފާ އިން ވަކިކުރިކަން އަންގަން ގުޅި ފަރާތުން ބުނީ އޭނާ ވަޒީފާ އިން ވަކިކުރީ ސަރުކާރާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް ޝުއޫރު ފާޅުކުރާތީ ކަމަށެވެ.
ވަކިކުރި ސަބަބުން ލިޔުމުން އެންގިދާނެތޯ ސުވާލު ކުރުމުން ކުންފުނީގެ ފަރާތުން ވާހަކަދެއްކި މުވައްޒަފު ބުނީ ދެވެން އޮތީ ވަޒީފާ އިން ވަކިކުރިކަމުގެ ޗިޓް އެކަނި ކަމަށެވެ.
ވަޒީފާ އިން ވަކިކުރިކަން އަންގައި އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައި ވާތީ ކަމަށެވެ.
ސިޔާސީ ވާހަކަ ދައްކާތީ މިދިޔަ ރަމަޟާން މަހު ވެސް އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ވެސް ގާތްގާތުގައި އޭނާ އަށް އިންޒާރުގެ ދެ ސިޓީއެއް ދީފައި ވެއެވެ. ނަމަވެސް އެސިޓީތަކުގައި އިންޒާރުދޭ ސަބަބު ބަޔާންކޮށްފައި ނެތުމުން ސިޓީތަކުގައި އޭނާ ސޮއެއް ނުކުރެއެވެ.
ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައިވާ ކަމަށް ބުނެ ވަޒީފާ އިން ވަކިކުރި އިރު ކޯވިޑްގެ ހާލަތާއި ގުޅިގެން އޮފީހުން ރިލީޒް ދީގެން އޭނާ ގޭގައި ހުންނަތާ މިހާރު އެއް މަސް ދުވަސް ވެއްޖެއެވެ.
ވަޒީފާ އިން ވަކިކުރި މުވައްޒަފު އެމްޕީއެލްގައި ވަޒީފާ އަދާކުރާތާ މިހާރު 5 އަހަރު ވެއްޖެއެވެ. އިސްމާއިލް އާއެކު މަސައްކަތްކޮށްފައިވާ މުވައްޒަފަކު ބުނެފައި ވަނީ އޭނާއަކީ ކުރާ ހިތުން މަސައްކަތް ކުރާ، ހުރިހައި މުވައްޒަފުންނާއި ވެސް ގުޅޭ އަދި ޚިދުމަތުގައި ނަމޫނާ މުވައްޒަފެއް ކަމަށެވެ.








Comments