ފުލުހުން، އަންހެން ކުދިންނަށް ފުރައްސާރަ ކުރާ މިންވަރު އިތުރު ވެއްޖެ
- Goal mv
- Jun 21, 2021
- 1 min read

މަގުމަތި ޕެޓްރޯލް ކުރުމަށް އުޅޭ ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުން އަންހެން ކުދިންނަށް އެކި ކަހަލަ ފުރައްސާރަ ކުރަމުން އަންނަ ކަމަށްބުނެ މީސްމީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ކޯވިޑް 19 ގެ ސަބަބުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މާލޭ މަގުތަކަށް ނިކުމެ އުޅެވެނީ، ވަކި ހާއްސަ ހުއްދައެއް ލިބިގެންނެވެ. އަދި ފުލުހުންނާއި ސިފައިން އަންނަނީ، މާލޭގެ އެކި ކަންކޮޅުތަކުގައި ފޯރި މަރާ، ބޭރުގައި އުޅެނީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯ ޔަގީން ކުރަމުންނެވެ.
މިގޮތައް މާލޭގެ މަގުތައް މަތީ ފުލުހުން ހަރަކާތްތެރި ވަމުން އަންނަ އިރު، އެކަނި ބޭރުގައި އުޅޭ އަންހެން ކުދިން ހުއްޓުވާ އެކުދިންގެ ވަނަވަރާއި، ފޯނު ނަންބަރު ހޯދުމަށް މަސައްކަތް ކުރާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ބޭރުގައި އުޅުމަށް ދޫކުރެވިފައިވާ ޕާރމިޓް ދެއްކުމުން، އެކަނި ބޭރުގައި އުޅެނީ، މީހަކާއި ރައްޓެހި ވެގެން ނޫޅޭތީތޯ އެހުންފަދަ ބޭއަދަބީ ސުވާލުތައް ފުލުހުންގެ ފަރާތުން ކުރިމަތި ވާކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ނަންބަރު ހޯދާ، ފަހުން އެކުދިންނަށް އެކި ފާޑުގެ މެސެޖުތައް ކުރާކަމަށްވެސް ނުރުހުން ފާޅުކުރަމުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަދި މިހާތަނަށް މިފަދަ އެއްވެސް މައްސަލައެއް ރަސްމީކޮށް އެއިދާރާއަށް ހުށައަޅާފައި ނުވާކަމަށާއި، މިފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ކޮށް ކަމަށެވެ.
އަދި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވަމުން އަންނަ ކަމަށްވެސް ފުލުހުންގެ ވަނީ ބުނެފައެވެ.








Comments