ފިނި ކޮޓަރީގައި ރައީސް ޔާމިން އޮވެގެން ސިޔާސީ ހަރަކާތް ހިންގަވާކަށް ނޭނގޭނެ - ވަކީލުން
- Goal mv
- Jun 21, 2021
- 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް، އެ މަނިކުފާނުގެ ވަކީލުން ވިދާޅުވެެއްޖެއެވެ.
މާފުށީ ޖަލުގައި ކޮވިޑު ފެތުރެމުންދާތީ ރައީސް ޔާމިން ގެއަށް ބަދަލުކުރީ ހުސްވި ރަމަޟާންމަހުގައެވެ. އޮންލައިން ނޫހެއްގައި ވަނީ ރައީސް ޔާމިން ފިނިކޮޓަރީގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާކަމަށް ތުހުމަތުކޮށް ރިޕޯޓެއް ލިޔެ ޝާއިއުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ވާހަކަތައް ދޮގުކުރައްވައި ރައީސް ޔާމިންގެ ވަކީލުންގެ ފަރާތުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، ރައީސް ޔާމިން ގޭބަންދުގައި ހުންނަވައިގެން ޕީޕީއެމްގެ ލީޑާރޝިޕް ގުރޫޕުތަކާއި، ޕާޓީގެ ކައުންސިލު ގުރޫޕުތަކުގައި ވާހަކަފުޅުދައްކަވައި، ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރެވުނުއިރު، ފޯނު ބޭނުންކުރެއްވުމުގެ ހުއްދަ ކަރެކްޝަނުން ދިން ނަމަވެސް، ޕީޕީއެމްގެ ވަޓްސްއެޕް، ވައިބަރ ގުރޫޕުތައްފަދަ ގުރޫޕުތައް ބޭނުންކުރެއްވުމުގެ ހުއްދައަކަށް އެދި ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެންނެތްކަމަށް އެ ސަރވިސްއިން އަންގާފައިވާ ކަމަށެވެ. އެ ގޮތުން އެ އުސޫލުތަކާއި ޚިލާފަށް ރައީސް ޔާމިން އެއްވެސް ޢަމަލެއް ނުކުރައްވާކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޔާމިނާއި ގުޅިގެން ދޮގު ވާހަކަަތައް ފަތުރާތީ އެކަން ކުށްވެރިކުރާ ކަމަށާއި، އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމާމެދު ފަސްނުޖެހޭނެކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެއެވެ.








Comments