https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިޝްކާގެ މަރު- ފަރުވާދިނުމުގެ ހުރިހައި މަރުހަލާއެއްގައި ވެސް އިހުމާލު

  • މާހިރު މުޙައްމަދު
  • Jun 20, 2021
  • 1 min read


ކޯވިޑު ބަލީގައި މި މަހުގެ 2 ވަނަ ދުވަހު ނިޔާވި ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދަށް ފަރުވާދިނުމުގެ ހުރިހައި މަރުހަލާއެއްގައި ވެސް ލަސްތަކެއް ވެފައިވާ ކަމަށާއި، އެޓެންޑްވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގައި އެޓެންޑްވިނަމަ، މިޝްކާގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށް، ހެލްތު މިނިސްޓްރީން އެކުލަވައިލި ރިޕޯޓުގައިވެއެވެ.


ކޯވިޑު ބަލީގައި ހާލު ސީރިއަސްވެ، މިޝްކާ ނިޔާވީ އެކަށީގެންވާ އަވަސް ފަރުވާ ނުދެވުމުންކަމަށް ހާދިސާގެ ރިވިއުގައި ބުނެފައިވެއެވެ. ރިވިއުގައި ވާގޮތުން މިޝްކާގެ ކޭސް އިމަރޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓުކުރެވުނު ހިސާބުން ފެށިގެން އެމްބިއުލާންސަށް ނާދެވި 2 ގަޑިއިރާއި 26 މިނިޓު ވެފައިވެއެވެ.


ރިވިއުއަށް ބިނާކޮށް ހެލްތު މިނިސްޓްރީން އެކުލަަވައިލި ރިޕޯޓު ޢާންމުކުރީ މިއަދުއެވެ. ރިޕޯޓު އެކުލަވައިލުމަށްޓަކައި، 28 ފަރާތަކާއި އިންޓަވިއުކޮށް ގިނަ ލިޔުންތަކެއް ބަލައި ދިރާސާކޮށްފައިވާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެފައިވާނެ ކަމަށެވެ.


ރިޕޯޓުގައި ވަނީ، އެޗްއީއޯސީން ދޭންޖެހޭ ފަރުވާ ފޯކޮށްދިނުމުގެ ހުރިހައި މަރުހަލާއެއްގައި އެކަށީގެންނުވާވަރުގެ ލަސްތަކެއްވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ޑީއެމްއާރްޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުން ވެސް، މިޝްކާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާއާއި ކުރެވުނު މުޢާމަލާތުގެ އަލީގައި އެ ކުއްޖަ ބަލާދާނެކަމަށް ޤަބޫލުކުރެވިފައިވާކަން ކޯލް ލޮގުތަކުން ދޭހަވާ ކަމަށެވެ. ނަމަވެސް 2 ގަޑިއިރަށްވުރެ ގިނައިރުވެގެންދިޔައިރު ވެސް އެމްބިއުލާންސް ޓްރިގާކޮށްފައިނުވާ ކަމަށެވެ.


އެ ގޮތުން މި ހާދިސާގައި އެޓެންޑްވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގައި އެޓެންޑްވިނަމަ ހާދިސާ ހިނގުމަކީ ނާދިރުކަމެއްކަމަށް ވެސް ރިޕޯޓުގައިވެއެވެ.


”މި ހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ފާހަގަކުރެވިފައިވެއެވެ. މީގެ ކުރިން ކޮވިޑު ކޭސްތައް ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް ނުވެއެވެ. ސިސްޓަމުގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ޚާއްސަ ގޮތެއްގައި އާދަޔާއި ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރު ވަނީ ދެނެގަނެވި އެކަންކަން ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.“ ހެލްތުގެ ރިޕޯޓުގައިވެއެވެ.


ރިޕޯޓުގައި ވަނީ ރިވިއުއިން ލިބުނު މަޢުލޫމާތަށް ބަލައި ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅަން ހަމަޖެހިފައިވާކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page