މީޑިއާ ތަކަށް ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް – މީޑިއާ ކައުންސިލް
- މާހިރު މުޙައްމަދު
- Jun 24, 2021
- 1 min read

ރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކަށް ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.
މީޑިއާ ކައުންސިލް އިން މިފަދައިން ބުނެ ބަޔާނެއް ނެރެފައި މިވަނީ، 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާއިފައިވާ މައްސަލައިގައި މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކާގުޅިގެން ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް ފޮނުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމުގައިވީހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށެވެ. ޖެންޑާ މިނިސްޓްރީން މީޑިއާތައް ޖޫރިމަނާ ކުރަމުންދާ މައްސަލާގައި ގިނަ މީޑިއާތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.








Comments