މަކަރާއި ހީލަތުން އެކި މީހުންގެ އަތުން 7.4 މިލިއަން ރުފިޔާ ނަގައިފައިވޭ- ފުލުހުން
- ޙުސައިން އަޙުމަދު

- Jun 19, 2021
- 1 min read
ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 485 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި, އެ މައްސަލަތަކުގައި 7.4 މިލިއަން ރުފިޔާ އޮޅުވައިލައިގެން އެކި މީހުންގެ އަތުން ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ޕީއެސްއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުލުހުން ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލައިފައިވާ ކަމަށެވެ.
އެ ގޮތުން ހުސްވި އަހަރުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުުހުން ވިދާޅުވިއެވެ. އަދި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވައިލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަޙްޤީޤުތަކަށް ފާހަގަކުރެވޭ ކަމަށެވެ.
ހަމައެހެންމެ މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ތަޙްޤީޤުތަކަށް ފާހަގަކުރެވޭ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ ގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައްޔާއި، ފިހާރަތަކާއި ޖަމްޢިއްޔާތަކާއި، ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމަށެވެ. އަދި އެފަދަ މައްސަލަތައް ކޮވިޑުތެރޭގައި އިތުރުވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެހެންމެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށާއި، ކުންފުނިތަކުގެ ލިޔެކިޔުންތައް ހަދައި, އެ ކުންފުނިތަކުގެ ނަމުގައި މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިފަދަ ކަންކަން ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.











Comments