ވިމްލާއިިންގެ މައްޗަށް 5.8 މިލިޔަން ރުފިޔާގެ ބޮޑު ހުކުމެއް ހައިކޯޓުން އިއްވައިފި
- މާހިރު މުޙައްމަދު
- Jun 7, 2021
- 2 min read

ފަނަރަ ދުވަހުގެ ތެރޭގައި ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން 5.8 މިލިޔަން ރުފިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ކ.ތިލަފުށިން 20،000 އަކަފޫޓުގެ ބިމެއްގެ ލީސް ރައިޓްސް ވިމްލާއިން އެމްޕީއެލްއަށް ވިއްކުމާ ގުޅިގެން ހިނގާފައިވާ މައްސަލައެވެ. ކ.ތިލަފުށިން 20،000 އަކަފޫޓުގެ ބިމެއް ވިމްލާ ކޮންސްޓްރަކްޝަނަށް ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްް ވޯކްސްގެ ވޭސްޓް މެނޭޖް ސެކްޝަނާއި ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެކެއް އޭޕްރީލް 2004 ވަނަ އަހަރު ސޮއިކުރިއެވެ. އެ ބިން ކުއްޔަށް ދޫކޮށްފައި ވަނީ ސޮއިކުރި ތާރީހުން ފެށިގެން 15 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ބިން ކުއްޔަށް ހިފާ ފަރާތުން އެދިއްޖެ ނަމަ އެހެން ފަރާތެއްގެ ނަމަށް ބިން ބަދަލު ކޮށްދެވޭނެ ކަމަށް އެއްބަސް ވުމުގައި ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން އެ ބިމުގެ ލީސް ރައިޓްސް ވިމްލާގެ ފަރާތުން އެމްޕީއެލްއަށް ވިއްކާލައި އެ ކުންފުނީގެ ނަމަށް އެ ބިން ބަދަލު ކުރުމަށްޓަކައި ވިމްލާ އާއި އެމްޕީއެލް އާ ދެމެދު 30 މެއި 2016 ގައި އެއްބަސްވުމެއް ވިއެވެ. ބިމުގެ ލީސް އެގްރީމެންޓް ވިއްކާލަން އެއްބަސްވެފައިވާ އަގަކީ 7.3 މިލިއަން ރުފިޔާއެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 80 ޕަސެންޓަށް ވާ ފައިސާ އެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ދައްކަން އެއްބަސްވެފައި ވެއެވެ. އެގޮތުން އަގުގެ ގޮތުގައި 80 ޕަސެންޓަށް ވާ 5.8 މިލިޔަން ރުފިޔާ އެމްޕީއެލް އިން ވިމްލާއަށް ދައްކާފައިވާ ކަމަށް ވިމްލާ އާއި އެމްޕީއެލްއިން ވަނީ ބުނެފައެވެ. މި ފައިސާ ވިމްލާއަށް ލިބޭތާ ދެމަސްދުވަހުގެ ތެރޭގައި، ގަންނަ ފަރާތުގެ ނަމަށް ބިމުގެ ލީސް ރައިޓްސް ބަދަލު ކުރުމަށްޓަކައި، ކުރަން ޖެހޭ ހުރިހައި ކަމެއް ވިއްކާ ފަރާތުން ކުރަން ވާނެ ކަމަށް އެއްބަސް ވުމުގައި ބަޔާންކޮށްފައިވެއެވެ. އެއްބަސް ވުމުގައި ވާގޮތުން އަގުގެ ތެރެއިން ބާކީ އޮތް 20 ޕަސެންޓަށް ވާ ފައިސާ ވިމްލާއަށް ދައްކަން ޖެހެނީ ބިމުގެ ލީސް ރައިޓްސް އެމްޕީއެލްގެ ނަމަށް ބަދަލު ކުރާ ތާރީހުން ފެށިގެން ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައެވެ. މި އެއްބަސްވުމާ ވިމްލާއިން ހިލާފު ވެ އެއްބަސް ވުމުގައި ބަޔާންކުރާ ގޮތަށް ބިން ހުސްކޮށްފައި ނުވާ ކަމަށާއި، އެ ބިން އެމްޕީއެލްގެ ނަމަށް ބަދަލު ކޮށްފައި ނުވާ ކަމަށް ބުނެ އެޑްވާންސް ފައިސާގެ ގޮތުގައި ވިމްލާއަށް ދައްކާފައިވާ ޖުމުލަ އަގުގެ 80 ޕަސެންޓް ކަމުގައިވާ 5.8 މިލިޔަން ރުފިޔާ އާއި އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުގެ އެއް ޕަސެންޓަށް ވާ ފައިސާ، އެކީ އެއްފަހަރާ އެމްޕީއެލްއަށް ދެއްކުމަށް ވިމްލާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެމްޕީއެލްއިން ސިވިލްކޯޓުގައި ދައުވާކުރިއެވެ. އެ މައްސަލައިގައި ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނީ، ތިލަފުށި ކޯޕަރޭޝަނުން ވިމްލާއަށް ދޫކޮށްފައިވާ ވިޔަފާރި ބިން އެމްޕީއެލް އަށް ބަދަލުކުރުމަށް ޓަކައި، ވިމްލާ އާއި އެމްޕީއެލްއާ ދެމެދު 30 މެއި 2016 ގައި ވެފައިވާ އެއްބަސްވުމުގެ 4.3 ވަނަ މާއްދާގައިވާ ހާލަތު މެދުވެރިވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ދިނުމަށް ވިމްލާ އަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެމްޕީއެލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ބަލައި، ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓިގެ ހުކުމް ބާތިލު ކޮށް އެމްޕީއެލް އާއި ވިމްލާ އާ ދެމެދު 30 މެއި 2016 ގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، އެ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެމްޕީއެލް އިން ވިމްލާއަށް ދައްކާފައިވާ 5.8 މިލިޔަން ރުފިޔާ އަނބުރާ އެމްޕީއެލް އަށް ލިބިދިނުމުގެ ގޮތުން އެ ފައިސާ 15 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް ވިމްލާގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.








Comments