އީސީގެ ރައީސްކަމުގެ މަޤާމު އަޅުގަނޑު ބޭނުން- ފުއާދު
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
އިލެކްޝަން ކޮމިޝަން ގެ ރައީސްކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ މެންބަރު ފުއާދު ތަޢުފީޤު ޝައުގުވެރިކަން ފާޅުކުރަައްވައިފިއެވެ.
އީސީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާދެއްވުމާއެކު ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާއި، ރައީސްކަމުގެ މަޤާމު ވަނީ ހުސްވެފައެވެ.
ފުއާދު ވިދާޅުވީ ކޮމިޝަނުގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، ނަމަވެސް ކުރިމަތިލައްވާނީ ދެން ތިއްބެވި މެންބަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު އެ ބޭފުޅުންގެ ތާއީދު ލިބިވަޑައިގަތުމުން ކަމަށެވެ. ފުއާދަކީ މީގެ ކުރިން ވެސް އީސީގެ ރައީސްކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.
އީސީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާދެއްވީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އޭނާ އިސްތިއުފާދެއްވުމާއެކު ކޮމިޝަނުގައި މިހާރު ތިއްބެވީ 04 މެންބަރުންނެވެ. އީސީގެ ޤާނޫނު ބުނާ ގޮތުން މެންބަރަކު އިސްތިއުފާދެއްވާތާ 60 ދުވަސްތެރޭގައި މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ.











Comments