އިސްލާހުތައް ފާާސްވެއްޖެ ނަމަ ޤައުމަށް ބޮޑެތި ގެއްލުންތަކެއްވާނެ- ޑީއެންއޭ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read
ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައިވާ އިސްލާހުތައް ފާާސްވެއްޖެ ނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށާއި، އެހެންކަމުން ބިލު އަނބުރާ ގެންދިއުމަށް ދިވެހި ނޭޝަނަލް އެކްޝަން(ޑީއެންއޭ) އިން ސަރުކާރަށް ގޮވައިލައިފިއެވެ.
ޑީއެންއޭއިން މިރޭ ޢާންމުކުރި ބަޔާނެއްގައި ވަނީ، ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާނެހެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހަޅައިފައިވާ އިސްލާހެއް ކަމަށެވެ.
ހަމައެހެންމެ އެއްވެސް ޤާނޫނަކަށް އިސްލާހެއް ހުށަހަޅަންވާނީ، ޤާނޫނުއަސާސީއާއި ޚިލާފުނުވާނެހެން ކަމަށާއި، ހުށަހެޅިފައިވާ އިސްލާހަކީ ބަލައިގަނެވޭނެ އިސްލާހެއް ނޫންކަމަށާއި، އެހެންކަމުން އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށް ވެސް ޑީއެންއޭގެ ބަޔާނުގައިވެއެވެ. އަދި މި ގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ، އެ އިސްލާހުތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަންކަން ކަމަށާއި، މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެ ކަންކަން ނުފެނުނުކަމުގައި ވިޔަސް، މިއީ ފަހުގެ ޖީލުތަކަށް ބޮޑެތި އަސަރުތަކެއްކުރާނެ ކަންކަންކަމަށް ވެސް ޑީއެންއޭގެ ބަޔާނުގައިވެއެވެ.
ހަމައެހެންމެ ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ، ދީނީ ޢިލްމުވެރިންނާއި، މަޝްވަރާކުރެވި އެ ބޭފުޅުންގެ ރައުޔާއި، ޚިލާފުނުވާނެ ގޮތަށްކަމަށް ދެކޭކަމަށް ވެސް ޑީއެންއޭގެ ބަޔާނުގައިވެއެވެ.
”…އިސްލާހުގައި ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެންމީހުން ވަނީ އެ ޙައްޤުތަކުން މަޙްރޫމުކޮށްފައިކަން ފާހަގަކުރަން. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީއެންއޭގެ ފަރާތުން ގޮވައިލަން.“ ޑީއެންއޭގެ ބަޔާނުގައިވެއެވެ.











Comments