އާދަޔާ ހިލާފަށް އަންހެން ކުދިން ޚިތާނުކުރާ މިންވަރު ބޮޑުތަނުމް އިތުރުވެއްޖެ- އެޗްއާރްސީއެމް
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރާ މިންވަރު އިތުރުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.
އެޗްއާރްސީއެމްގެ ކޮމިޝަނަރ ޝިފާޢަތު ޢަބްދުއްރައްޒާޤް ރޭ ވިދާޅުވީ ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރާ މިންވަރު އަންނަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށް އިތުރުވަމުން ކަމަށެވެ.
”އަޅުގަނޑުމެންނަށް މިހާރު ދިރާސާތަކުން އެބަފެނޭ ދިވެހިރާއްޖޭގައި މި ސަގާފަތް އަނެއްކާ ވެސް އާލާވަމުން އަދިި މި ގޮތަށް ޚިތާނުކުރުމުގެ ކަންކަން ކުރިއަށްގެންދާ ފަރާތްތައް ތިބިކަން.“ ޝިފާޢަތު ވިދާޅުވިއެވެ.
އެކަމަށް ހިތްވަރުދޭ މީހުންނާއި އެކަންކުރާ މީހުން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި ޝިފާޢަތު ވިދާޅުވީ އެކަމަށް އެޑްރެސްކުރުމަށްޓަކައި ވަރަށް ބޮޑެތި ރިސާޗްތައް ހަދަންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅުންހުރި ސްޓެޓިސްޓިކްސް ހޯދައިގެން ހައްލު ހޯދަންޖެހޭ ކަމަށެވެ.
ޝިފާޢަތު ވަނީ އަންހެންކުދިން ޚިތާނުކުރުމުން އެކަމުގެ ސަބަބުން ޖިންސީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ވެސް ފާހަގަކުރައްވައިފައެވެ.
ދިވެހިރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު ވިދާޅުވެފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރުމަހުގެ 4 ގައެވެ. ރިފްޢަތު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންހެނުން ޚިތާނުކުރާކަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާކަމަށާއި އެކަމަށް ހިތްވަރެއްނުދޭނެ ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ވަނީ އަންހެނުން ޚިތާނުކުރުމީ އިސްލާމްދީނުގައި ވާޖިބަކަށްނުވާއިރު ވެސް އެއީ ކުށަކަށް ހަދައިފިކަމަށްވާނަމަ، އެ ބަދަލު ކުރެވުނީ ދީނުގައި ޝަރުޢު ކުރައްވާފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މީސްތަކުންގެ މައްޗަށް ކަންކަން ޝަރުޢު ކުރެއްވުމުގެ ޙައްޤު އޮތް ފަރާތަކީ އެ އުރެންގެ ހެއްދެވި ރައްބުކަން ވެސް ފާހަގަކުރެއްވިއެވެ.
އަންހެން ކުދިން ޚިތާނުކުރުމަކީ އިހުޒަމާނުގައި ރާއްޖޭގައި ކުރަމުން އައި ކަމެކެވެ. ނަމަވެސް 1900 ފަހުކޮޅަށް އައިއިރު އެ ސަގާފަތް ދިވެހިންގެ ތެރެއިން ފޮހެވިގެން ދިޔައެވެ.








Comments