ކުޑަ ކުއްޖާ މަރާލައިގެން ކާފިއު ވަގުތު ގެންގޮސް އެއްލައިލި އިރު ފުލުހުން ކޮބާ؟
- ޙުސައިން އަޙުމަދު

- Jun 24, 2021
- 1 min read

އުމުރުން 13 އަހަރުގެ މުޙައްމަދު ރާއިފު އަންވަރު ރަހީނުކޮށް މަރައިލުމަށްފަހު މާލޭގައި ހިންގާފައިވާ ކާފިއު ވަގުތުގައި ގެންގޮސް ހުޅުމާލެ މޫދަށް އެއްލައިލިއިރު ފުލުހުން ކޮބައިތޯ އަދި ފުލުހުންނަށް ޒިންމާ އަދާކުރެވުނުތޯ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.
އާދީއްތަދުވަހުން ފެށިގެން ގެއްލިފައިވާ ރާއިފު ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ އަންގާރަދުވަހުގެ މެންދަމުގެ 2.30 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ރަހީނުކުރިކަމަށް ތުހުމަތުވާ މައްސަލައެއް އާދީއްތަދުވަހު ފުލަހަށްވަނީ ހުށަހަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ މައްސަލަ ބެލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިންނެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކަފުޅުގައި ސަޢީދު ވިދާޅުވީ މިހާރު މި ފެންނަނީ ސަރުކާރާއި މުޅި ދައުލަތް ފެއިލްވެފައިވާ ކަމުގެ ނިޝާންތައް ކަމަށެވެ. އަދި ސަރުކާރުގެ ބަލިކަށިކަން މި ހާދިސާއިން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުުރަށް ސައީދު ވިދާޅުވީ ރައްޔިތުން މިކަމާ ގުޅިގެން މުހިއްމު ސުވާލުތަކެއް އުފައްދަމުން އަންނަ ކަމަށެވެ. އެގޮތުން މިފަދަ ކަންކަން ހައްލުނުކުރެވެނީ ކޮން ޤާނޫނެއް ނެތުމުންތޯ ރައްޔިތުން ސުވާލުކުރާ ކަމަށާއި، އަދި މި މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައިވަނިކޮށް ކުއްޖަކު ރަހީނުކޮށްގެން ގެންގޮސް ޤަތުލުކޮށް އެއްލައިލުމުން ފުލުހުންނަށް މިކަން ފާހަގަނުވި ސަބަބާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"ކުޑަކުއްޖަކު ރަހީނު ކޮށްގެން އެ ގެންދިޔައީ މި މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުގައި. ގައިމު މަގުތައް އާންމު ހާލަތެއްހާ ބިޒީއެއް ވެސް ނުވާނެ. ފުލުހުން މަގުމަތި ބަލަހައްޓާ މީހުންނަށް ކީއްވެގެންތޯއޭ މިކަންކަން ފާހަގަ ނުކުރެވިގެން މި އުޅެނީ. މިއީ އާންމު ރައްޔިތުން ކުރާ ސުވާލެއް" ސަޢީދު ވިދާޅުވިއެވެ.
އޭގެ އިތުރަށް ސަޢީދު ވިދާޅުވީ ދައުލަތަށް މިއަށްވުރެ ބޮޑު ބިރުވެރިކަމެއް އައިސްފައިވާ ދުވަސްވަރެއް ކުރިމަތިވި ކަމުގައި ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އޮޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މުޅި ދައުލަތް ނާޤާބިލުވެ ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއިފުގެ މަރާ ގުޅިގެން އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު ދެ މީހުންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުވެސް ކޮށްފައިވެއެވެ. 27 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ވަނީ ކޯޓުން އަމުރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރުކޮށްދިނީ 15 ދުވަހެވެ.








Comments