ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް
- މާހިރު މުޙައްމަދު
- Jun 23, 2021
- 1 min read

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއިއެކު ކެފޭތަކާއި، ރެސްޓޯރެންޓްތައް އަދި ފިހާރަތައް ހުޅުވައި ވިޔަފާރި ކުރޭވޭނެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީއިން ބަދަލުތަކެއް ގެނެސްފި އެވެ.
އެ މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ފަދަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން 8:00 ން ހަވީރު 18:00 އާއި ހަމަޔަށް ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި 6:00 ން 00:00 އަށް ފުލުހުންގެ ހުއްދަޔާއިއެކު ޑެލިވަރީގެ ހިދުމަތްވެސް ދެވޭނެކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކޮވިޑް-19 އާއި އެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއިއެކު މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ފިހާރަ ފަދަ މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވައިގެން ހިދުމަތް ދެވޭނެ ގަޑިތަކަކީ 8:00 ން 18:00 އާއި ހަމަޔަށްކަމަށްވެސް ކަނޑައަޅައިފަ އެވެ.
ކެފޭ ތަކާއި ރެސްޓޯރެންޓްފަދަ ތަންތަން އަދި ފިހާރަފަދަ ވިޔަފާރިތަކުންވެސް އެތަންތަނުގެ މުވައްޒަފުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާފައި އޮންނަ އަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާ ވިޔަފާރިތަކުންpermit@trade.govmv އަށް މެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ އަންގައިފައެވެ.
ވިޔަފާރިތަކުގެ ގަޑިތަކަށް މި ގެނައި ބަދަލަކީ ރޭ މާލެ ސަރަހައްދުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ގެނައި ބަދަލެކެވެ. އެގޮތުން ރޭ އިއުލާންކުރި ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އަޅާފައިވާ ކާފިއު ވަގުތު ކުރުކޮށ، މޮނިޓަރިންގް ގައި ނެތް ރަށްރަށުގެ މެދުގައި ހުއްދައާއި ނުލައި އާންމު ދަތުރުފަތުރުކުރަންވެސް ވަނީ އަލުން ހުއްދަ ދީފަ އެވެ. އަދި ޖިމްތައްވެސް ވަކި ގަޑިތަކެއްގައި ހުޅުވަން ވަނީ ހުއްދަ ދީފަ އެވެ. ކެެފޭ ރެސްޓޯރެންޓްތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނައިނަމަވެސް އަދިވެސް އެތަންތަނުގެ ތެރޭގައި ޑައިން-އިން ހިދުމަތް ދިނުމަށް ހުއްދަ ދީފައެއް ނުވެއެވެ.








Comments