https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހިސާން ދަންޖައްސަން ގޮވި މައްސަލަ ފުލުހަށް ހުށަހަޅައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 8, 2021
  • 1 min read



ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "ދަންޖައްސަން" ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ސިޓީއެއް މެދުވެރިކޮށް މެންބަރު ހިސާން ގެނެސްދެއްވާފައިވެއެވެ.

މި މައްސަލަ ފުލުހަށާއި، ޑިފެންސް މިނިސްޓްރީ، އަދި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

އާންމު ގޮތެއްގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ސަން ސިޔާމް މިދިޔަ އާދީއްތަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

އެ ކޮމިޓީ ބައްދަލުވުން ނިމިގެން ކޮމިޓީގައި ބައެއް މެންބަރުން ތިއްބެވި ވަގުތެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތަތަކަށް ފާޑުވިދާޅުވަމުން އެ ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވާ ހިސާނަށް ބަހުގެ ހަމަލާތަކެއް އޭނާ ދެއްވި ކަމުގައިވެއެވެ.

މި ގޮތުން ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އަޑު ހިމެނޭ އޯޑިއޯ ކްލިޕެއް ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ އާންމު ވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައިވަނީ "ދަން ޖައްސަން" ޖެހޭ ކަމަށް އޭނާ ވިދާޅުވީ އެ ކަން ކުރުމުގެ މާނައެއްގައި ނޫން ކަމަށާއި އެފަދަ އެއްވެސް ނިޔަތެއްގައި އޭނާ ވިދާޅުވެފައިވާ ވާހަކައެއް ނޫން ކަމަށެވެ.

241 ކޮމިޓީގެ އެ ބައްދަލުވުމަށް ސިޔާމް ހާޒިރުވެވަޑައިގެންނެވި އިރު އެ ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން ހިންގާ އިންކުއަރީއާ ގުޅޭ ބައްދަލުވުމެއްކަން ފާހަގަ ކުރަމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page