ޒުވާނަކު ރަހީނުކުރި 2 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި
- މާހިރު މުޙައްމަދު
- Jul 13, 2021
- 1 min read

ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގައި 2 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކުވެގެން 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރީ މެއިމަހުގެ 29 ވަނަ ދުވަހުގެރޭގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި, އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ވަނީ ލޭ އެޅުނެވެ. އެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އެ ޒުވާނާ މާލެ ގެނެސް، އޭޑީކޭގައި ވެސް ފަރުވާ ދީފައިވެއެވެ.
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި, 25 އަހަރުގެ ފިރިހެނެކެވެ. އޭގެފަހުން 19 އަހަރުގެ ދިވެހި ފިރިހެނެކާއި، 20 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނީ މި މައްސަލައިގައި ކުޅުދުއްފުށި/މާތުނޑި، މުޢާޒް ޢަލީއާއި، ކުޅުދުއްފުށި/ސިޓީ ސެޓްލައިޓް، މުޙައްމަދު އާދަމްގެ މައްޗަށް ދަޢުވާކުރަން މި މަހުގެ 08 ގައި ހުށަހަޅައިފައިވާ ކަމަށެވެ. އެއީ އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާއާއި, ހުއްދަ ނޫންގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
މީގެ އިތުރުން މައްސަލައިގައި ތުހުމަތުކުރެވުނު އިތުރު 04 މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށް, ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނީ ލިބިފައިނުވާތީ އެ މީހުންގެ މައްސަލަ ފުލުހަށް އަނބުރާ ފޮނުވައިފައިވާ ކަމަށެވެ.








Comments