ޒިހާންގެ މައްޗަށް އުފުލާފައިވާ 13 ދަޢުވާގެ އަޑުއެހުމެއް މިއަދު ބާއްވަނީ
- މާހިރު މުޙައްމަދު
- Sep 26, 2021
- 0 min read

ރަޙްމުކުޑަ ގޮތަކަށް މަރާލައިފައި، ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މަރުގެ މައްސަލައިގައި، ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ޒިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 13:00 ގައި އޮންނާނެ ކަމަށެވެ.
ޒިހާންގެ މައްޗަށް 13 ދަޢުވާއެއް އުފުލާފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި, ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 05 ދަޢުވާއާކާއި، މަސްތުވާތަކެތި ދީގެން ޖިންސީ ޢަމަލު ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ގްރޫމްކުރުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދަޢުވާތަކެކެވެ. މިމައްސަލައާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ހުސްވި މަހުގެ 26 ގައެވެ. އެއީ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެ ގޮތުން ޝަރީޢަތް ނިމެންދެން ޒިހާން ބަންދުކުރުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޒިހާންއަށް ވަކީލަކު ހޯދުމުގެ ފުރުސަތު ދެއްވިއެވެ. އެހެންނަމަވެސް ޒިހާން ބުނީ މައްސަލައިގައި ކުރިއަށްދާނީ ވަކީލަކާއި ނުލައި ކަމަށެވެ. މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނި 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ 3 ދަޢުވާއެއް އުފުލައިފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.








Comments