ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަ ނުބަލަން ނިންމައިފި
- ޙުސައިން އަޙުމަދު

- Jun 29, 2021
- 1 min read

ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ނުބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ނިންމައިފިއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިތުރަށް މި މައްސަލަތައް ނުބެލުމަށް ނިންމީ، އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާތީ ކަމަށް އެ ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓްތައް ފުރިހަމަ ކުރަނީ ކިހާވަރަކަށްތޯ ބެލުން މާ މުހިއްމު ކަމަށެވެ. ނައިބު މުގައްރިރުގެ ވާހަކަތަކަށް ކޮމިޓީގައި ދެން ތިއްބެވި މެމްބަރުން ވަނީ ތާއީދުކުރައްވާފަ އެވެ. އެ ހިސާބުން ކޮމިޓީން ވަނީ އެ މައްސަލަ އިތުރަށް ނުބަލަން ނިންމާފަ އެވެ. އޭސީސީން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް މީގެ ކުރިން ގެނެސްފައެވެ. އަދި އެ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހު ވަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގުކޮށްފަ ވެއެވެ. 13 ކަމެއް އިސްލާހުކުރަން ސަރުކާރުން ފެނަކައަށް އަންގާފައި ވާއިރު، މިކަންކަން އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުންޏަށް ސަރުކާރުން ވަނީ ދީފައެވެ.








Comments