ވަޒީފާއާބެހޭ ޤާނޫނަށް އަމަލު ނުކުރާ 40 ރިސޯޓް ވެސް މި ރާއްޖޭގައި ނެތް- ރިސޯޓް ވޯކާރސް މޯލްޑިވްސް
- Goal mv
- Jul 27, 2021
- 1 min read

ރާއްޖޭގައި 160 ހަކަށް ރިސޯޓް އޮންނަ އިރު އޭގެތެރެއިން 40 ރިސޯޓް ވެސް ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނަށް އަމަލު ނުކުރާ ކަމަށް ރިސޯޓް ވޯކާރސް މޯލްޑިވްސްއިން ބުނެފިއެވެ. ރިސޯޓް ވޯކާރސް މޯލްޑިވްސްއިން އެފަދައިން ބުނެފައި މި ވަނީ ރިސޯޓުތަކާއި އެހެން ޓޫރިސްޓު ފެސިލިޓީތަކުން ސާވިސް ޗާޖު ބަހަނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވުމުންނެވެ. މި މަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުސޫމް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރަނީ ތަޢުލީމު ލިބިފައިވާ މުވައްޒަފުން ކަމަށް ވުމުން އެ މީހުންނަށް ރިސޯޓަށް ވަންނަ ފައިސާ އާއި އެ މީހުންނަށް ލިބެން ޖެހޭ އަދަދު އެނގޭ ކަމަށެވެ. އަދި މިހާރު ފައިސާގެ މުއާމަލާތް ކުރަނީ އިލެކްޓްރޯނިކްކޮށް ކަމަށްވުމުން ބޭންކު ޓްރާންސެކްޝަންތައް ވެސް ފަސޭހަ އިން ބަލާލެވޭނެ ކަމަށެވެ. މި ސަބަބުތަކާއި ޤާނޫނަށް ގެނައި ބަދަލާއެކު ލޭބާ ރިލޭޝަނުން ނެރުނު ގަވާއިދުގެ ސަބަބުން ސާވިސް ޗާޖުގެ ކަންކަން ދަނީ ރަނގަޅަށް ކަމަށް ބެލެވޭ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. މިގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ ސާވިސް ޗާޖުގެ ކަންކަން ގޯސްކޮށް ދާނަމަ އެކަން ޓޫރިޒަމް މިނިސްޓްރީއަށް މެއިލްގެ ޒަރީއާ އިން އެންގުމުން ވަގުތުން އެކަން ބަލާނެ ކަމަށާއި މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ސާވިސް ޗާޖު ބޮޑު ކުރުމަށް ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްގެ އެ ވާހަކަތަކަށް ރައްދުދެއްވާ ރިސޯޓް ވޯކާރސް މޯލްޑިވްސްއިން ބުނީ މައުސޫމްގެ އެ ވާހަކަ އަކީ ގަސްތުގަ ހެދި އިތުރުފުޅެއް، ނޫނީ، ޤައުމުގަ އުޅޭ މަހުޖަނުން ދިފާއު ކުރުމަށް ނުވަތަ އެބޭފުޅުން ހިންގާ ލާއިންސާނީ، އަމަލްތައް ސިއްރުކުރުމަށް ހެދި ބޮޑު ދޮގެއް ކަމަށެވެ. ރާއްޖޭގައި 160 ހަކަށް ރިސޯޓް އޮންނަ އިރު އޭގެތެރެއިން 40 ރިސޯޓް ވެސް ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނަށް އަމަލުނުކުރާކަމަށެވެ. މީގެ އިތުރުން އެކަންކަން ބަލަހައްޓުމުގެ ޒިންމާ ޤާނޫނުން މަތި ކޮއްފައިވާ ލޭބާ ރިލޭޝަން އޮތޯރިޓީ ވެސް އޮތީ ނިދިފައި ކަމަށާއި ރައްޔިތުންގެ ޓެކުސް ލާރިން ބޮޑު މުސާރަ ނަންގަވައިގެން ތިބޭ ބޮޑެތި ބޭބޭފުޅުން، މިނިސްޓަރ ޑރ. މައުސޫމް މެން ފަދަބޭބޭ ފުޅުން ރިސޯޓްތަކަށް އާއިލާތައް ގޮވައިގެން ހޮލިޑޭ ހަދަން ދަނީ ހިލޭ ކަމަށް ވެސް ބުނެފައިވެއެވެ. ސާވިސް ޗާޖުގެ ކަންކަން ރަނގަޅަށް ދާކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވާ އިރު ގިނަ ރިސޯޓުތަކުގެ މުވައްޒަފުން އަންނަނީ ސާވިސް ޗާޖު ދިނުމުގައި ރިސޯޓުތަކުން މަކަރު ހަދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުން ކަން ފާހަގަކުރަމެވެ.








Comments