ވެކްސިން ކާޑުގައި "ރާއްޖޭ"ގެ ނަންނެތުމުން ދިވެހިންނަށް އެތައް ގޮންޖެހުންތަކެއް!
- މާހިރު މުޙައްމަދު
- Aug 20, 2021
- 1 min read

ހެލްތު ޕްރޮޓެކްޝަން އެޖެންސީން، ރާއްޖޭގައި ކޮވިޑް ވެކްސިން ފުރިހަމަކުރުމުން ދޫކުރާ ވެކްސިން ކާޑަކީ ދުނިޔޭގެ ބައެއް ޤައުމުތަކުން ގަބޫލުކުރާ ކާޑެއް ނޫން ކަމަށް ބައެއް ދިވެހިން ބުނެފިއެވެ.
އެޗްޕީއޭއިން ދޫކޮށްފައިވާ ވެކްސިން ކާޑު ގަބޫލުނުކޮށްގެން ޔޫއޭއީގެ އޮފީހަކަށް މިއަދު ވަދެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް، ދިވެހި ބައޯމެޑިކަލް ސައިންސްވެރިއެއް ކަމަށްވާ ޑރ.އިބްރާހިމް މުޞްޠަފާ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑަށް ޔޫއޭއީގެ އެއްވެސް ސަރުކާރު އޮފީހަކަށް ވަނުމުގެ ހުއްދައެއް ނުލިބުނު. ސަބަބަކީ ދިފާޢު ކާޑުގެ އެއްވެސް ހިސާބެއްގައި ދިވެހިރާއްޖޭގެ ނަން ހިމެނިފައި ނެތުން. ކިއުއާރް ކޯޑު ސްކޭން ކޮށްގެން ބެލީމައި ވެސް، ރާއްޖޭގެ ނަމެއް ފެންނާކަށް ނެތް. މިހެންވުމުގެ ސަބަބުން މި ހަފުތާގައި 3 ފަހަރު ޕީސީއާރް ޓެސްޓް ހަދަން ޖެހުނު.“ ޑރ.އިބްރާހިމް މުޞްޠަފާ ކުރެއްވި ޓުވީޓެއްގައިވެއެވެ.

މުޞްތަފާ މިހެން ވިދާޅުވެފައިވާ އިރު އިތުރު ބައެއް ދިވެހިންނަށް ވެސް ވަނީ މިކަމާ ކުރިމަތިލާން ޖެހިފައެވެ.
ކޮވިޑު ވެކްސިން ޖެހުމުން، ކޮންމެ މީހަކަށް ވެސް އެޗްޕީއޭއިން ކާޑެއް ދޫކުރެއެވެ. އެ ކާޑުގައި އެ މީހެއްގެ ނަމާއި، ޢުމުރާއި، ވެކްސިންޖަހާ ތާރީޚްފަދަ ބައެއް މަޢުލޫމާތު ހިމަނާފައިވީ ނަމަވެސް، އެއީ ރާއްޖެއިން ދޫކޮށްފައިވާ ކާޑެއްކަން ނުވަތަ ނޫންކަން ވެސް އެނގޭނެފަދަ މަޢުލޫމާތެއް ހިމަނާފައި ނުވާކަން ފާހަގަކުރަމެވެ.








Comments