ޢުމަރު ނަޞީރާ ގޮވައިގެން ރިޟްވާންގެ ޢާއިލާއިން ކޯޓަށް ދާން ނިންމައިފި
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް، ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ ޢާއިލާއިން ބުނެފިއެވެ.
ޢުމަރު ނަޞީރާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް، ރިޟްވާންގެ ޢާއިލާއިން ބުނީ ދާދިފަހުން ސަންގުޓީވީން ގެނެސްދިން ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޢުމަރު ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.
ޢުމަރު ވަނީ، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން ރިޟްވާން އުޅެމުންދިޔައީ ”ޑޮޓް“ ފިކުރުގެ މީހުންނާއެކުގައި ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ގޮތުން ޑޮޓް ޖަމާޢަތާއި ގުޅިގެން ރިޟްވާން އުޅެމުންދިޔައީ ތުނބުޅި ދިގުކޮށް، ބޮލުގައި ފޮށާ އަޅައިގެން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. ހަމައެހެންމެ އެ ޖަމާޢަތާއި ވަކިވުމަށްފަހު، ސެކިއުލާރ ފިކުރުގައި އެ ޖަމާޢަތާއި ދިމާކޮށް ހެދުމުން ކުރިމަތިލުންތަކެއް ހިނގީ ކަމަށެެވެ.
ޢުމަރުގެ ވާހަކަތަކާއި ގުޅިގެން ރިޟްވާންގެ ދައްތަ ފާޠިމަތު ޝެހެނާޒް ބުނީ ޢުމަރަށް ވެސް ބޭނުންހައި ގޮތަކަށް ވާހަކައެއް ނުދެއްކެވޭނެ ކަމަށެވެ. އަދި ރިޟްވާނާއި ގުޅިގެން ޢުމަރު ދެއްކެވީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވެސް ޝެހެނާޒް ވިދާޅުވިއެވެ. އެހެންކަމުން ޢުމަރާއި ދެކޮޅަށް މައްސަލަ ހުށަހަޅައި ޤާނޫނީ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ޝެހެނާޒް ބުނީ ހަރުކަށި ވިސްނުމެއްގެ ރިޟްވާން އުޅުނީ ކުޑަ ދުވަސްކޮޅެއްގައި ކަމަށާއި، އެ މީހުންގެ ޙަޤީޤީ ފިކުރު ސާފުވުމުން ރިޟްވާން އެ މީހުންނާއި ދުރަށް ދިޔަ ކަމަށެވެ.
ހަމައެހެންމެ ޢުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު ރިޟްވާން މައްސަލައަށް އިންސާފު ހޯއްދަވައި ނުދެއްވުނުކަން ވެސް ޝެހެނާޒް ފާހަގަކުރިއެވެ.
ރިޟްވާނަށް ވީނުވީއެއް ނޭނގި ގެއްލުނުފަހުން މިހާރު ވަނީ 07 އަހަރު ފުރިފައެވެ. މަރު ކޮމިޝަނުން މީގެ ކުރިން ނެރުނު ރިޕޯޓުގައި ވާގޮތުން ރިޟުވާން ކިޑްނެޕްކޮށްގެން ގެންގޮސް ކަރުބުރިކޮށްލުމަށްފަހު ކަނޑުފެއްތީއެވެ.








Comments