https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސްޓްރޯކެއް ޖެހި އަސްރާގެ އޮޕަރޭޝަނަށް ފައިސާގެ އެހީ ހޯދަން ސަލާން ޖަހަނީ

  • Writer: Goal mv
    Goal mv
  • Jun 26, 2021
  • 2 min read


އުފަންވީއިރު ވެސް ހިތުގެ މައްސަލައެއް ހުރި އަސްރާ ތަހައްމަލު ކުރަމުންދާ ވޭނަށް ލުޔެއް ލިބެން އޮތީ "ލަންގް ޓްރާންސްޕާންޓް"އެއް ހަދައި، ހިތުގެ "ލައިގޭޝަން"އެއް ހަދައިގެންނެެވެ.


ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އައިމިނަތު އަސްރާ އަހުމަދަކީ ވެސް ހަޔާތުގެ އުނދަގޫ ސަފްހާތަކެއް ގުނަމުންދާ ޒުވާނެކެވެ. ހަޔާތުގެ ނައު އުފާވެރި، ހިމޭން އައްސޭރިއަކަށް ގެންދިޔުމަށް ކުރާ ދަތުރުގައި، ދިރިހުރުމަކީވެސް އަސްރާއަށް ބޮޑު ޗެލެންޖެކެވެ. އެ ޒުވާނާ މިއަދު އެދަނީ މަރާ ހަނގުރާމަ ކުރަމުންނެެވެ.


އޭނާގެ ފިރިމީހާ ކިޔައިދިން ގޮތުގައި، އަސްރާގެ ބަލީގެ ސަބަބުން އޭނާގެ މޭ އަންނަނީ ހަލާކު ވަމުންނެވެ. މިދިޔަ ޑިސެމްބަރުމަހު އަސްރާއަށް ސްޓްރޯކެއް ޖެހުނުއިރު، މި މަހު ވެސް އޭނާއަށް ސްޓްރޯކެއް ޖެހިގެން ވަނީ މާލެ ގެނެސް 4 ވަަރަކަށް ދުވަސްވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައެވެ.


"ހިތުގަ، އަސްރާ އެންމެ ކުޑައިރުން ފެށިގެންވެސް އުފެދިފައި އިންނަ ލޯވަޅެއް. ހިތުގެ ލެފްޓް ޗެމްބާއާއި ރައިޓް ޗެމްބާއާއި ދޭތެރޭގައި، އިންނަ ގެޕެއް. އެއީ މައިމީހާގެ ބަނޑު ތެރޭގައި އޮންނައިރު، ހުޅުވިފައި އޮންނަން ޖެހޭ ގެޕެއް. ކުއްޖާ ދުނިޔެއަށް އުފަން ވުމަށްފަހު ބަންދުވާން ޖެހޭ އެއްޗެއް. ނަމަވެސް އަސްރާ އުފަންވެގެން، އެ ގެޕް މި އިންނަނީ ބަންދު ނުވެ" އަސްރާގެ ފިރިމީހާ ޔާސިރު މީގެ ކުރިން ކިޔައިދިނެވެ.


އޭނާގެ އުއްމީދަކީ، އަނބިމީހާ މިއަދު އުޅޭ ހާލުން ސަލާމަތް ކޮށްދިނުމެވެ. މޭ ބަދަލު ކުރުމުގެ ރިސްކު ބޮޑު އޮޕަރޭޝަން ކުރުމެވެ. ސަބަބަކީ މިހާރު އަސްރާ އެއުޅޭ ހާލުގައި ދިރިއުޅުމަކީ އަސްރާއަށްވެސް، އަދި އޭނާގެ އާއިލާގެ އާއިލާއަށްވެސް ފުން އަސަރުތަކެއް ކުރުވާ ކަަމަކަށް ވުމެވެ.


އަސްރާގެ ދިރިއުޅުން ވަަރަށް ހިތްދައްޗެވެ. އޭނާ ނޭވާލަނީ އޮކްސިޖަން ޓޭންކެއް ބޭނުންކޮށްގެންނެވެ. އެއީ އޭނާގެ ހަށިގަނޑުން ބޭރުގައި ވިޔަސް، އޭނާއަށް މުހިންމު ގުނަވަނެއް ފަދަ އެއްޗެކެވެ. ކޮންމެ ތަނަކަށްވެސް ދާން ޖެހެނީ، ހަށިގަނޑުން ބޭރުގައިވާ، އެ ގުނަވަން ހިފައިގެންނެވެ.


އަސްރާ އޮކްސިޖަން ޓޭންކުގެ އެހީގައި ނޭވާލަމުން އަންނަތާ އަހަރެއް ވެފައިވާއިރު، އޭނާ އެދެނީ އެންމެ ދުވަހަކު ވިޔަސް، އެ ނުލާ އުޅެވޭނެ ގޮތެއް ވުމެވެ. މޫދަށް އެރިލާ، ދުވެލާ އުޅެވޭނެ ދުވަހެއް ފެނުމެވެ. އެއީ އޭނާގެ ހަޔާތުގައި އެ އުފާތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ނުލިބޭތީއެވެ.


މިހާރު ދިރިއުޅެން ޖެހިފައިވާ ހާލުން އަރައިގަތުމަށް، ޔޫކޭއަށް ގޮސް ކުރަން އުޅޭ އޮޕަރޭޝަނަށް 2.3 މިލިއަން ޕައުންޑް ހަރަދުވާނެ ކަމަށް އަސްރާގެ ފިރިމީހާ ޔާސިރު ބުނީ އަަސްރާއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.


އަދި އޮޕަރޭޝަނަށް ބޭނުންވާ މިންވަރާ ގާތަށްވެސް އަދި ފައިސާ ނުލިބޭ ކަމަށް ޔާސިރު ކިޔައިދިނެވެ.


ސަރުކާރުގެ ފަރާތުންވެސް އެހީތެރިކަން ލިބޭ ކަމަށާާާާއި ހަމައެކަނި ސަރުކާރުގެ އެހީއަށްވެސް ބަރޯސާވެގެން ތިބެވެން ނެތް ކަމަށާއި، ބައިނަލްއަގްވާމީ ފަންޑްރެއިސިންއަކަށް ދާން ޖެހިއްޖެ ނަަމަ، އެކަން ވެސް ކުރާނެ ކަމަށެވެ. ޔާސިރުގެ ދެމަފިރިން މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ.


އަސްރާގެ އިވެލުއޭޝަން ހަދަން ޖެހޭއިރު، އެކަން ކުރުމަށް އަވަށްޓެރި އިންޑިއާއަށް ދިޔުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ. އެގައުމުގައި ކޯވިޑް-19ގެ ނުރައްކާތެރި ވޭރިއަންޓެއް ފެތުރެމުން އަންނައިރު، މިދުވަސްވަރު އިންޑިއާއަށް އެތެރެ ވެއްޖެނަމަ، ޔޫކޭއަށް ދިޔުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ބިރު އޮތް ކަމަށް ޔާސިރު ބުންޏެވެ. އެހެންވެ، އިވެލުއޭޝަން ހަދަން ވެސް މަޖުބޫރުވެފައިވަނީ ޔޫކޭއިންނެވެ.


ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ އެހީއަށް އެދުމުން، ފައިސާ ދިނީ އިންޑިއާއިން އިވެލުއޭޝަން ހެދުމަށް ބޭނުންވާ ފައިސާ ކަމަށާއި، އެ ފައިސާއިން ޔޫކޭގައި އިވެލުއޭޝަން ނުހެދޭނެ ކަމަށެވެ.


އަސްރާގެ އޮޕަރޭޝަނަށް އެހީތެރިވެދެއްވާ!

އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަަމެކެވެ. މިއަދު އަސްރާ އުޅެމުން އެދާ ހާލުން އެޒުވާނާ ސަލާމަތްކޮށްދިނުމަށް ތިޔައިން ކޮންމެ މީހަކަށްވެސް އެހީތެރިވެވިދާނެއެވެ.


އަސްރާ އަށް އެހީވާން ބޭނުންވާ ފަރާތްތަކުން

އެކަންޓުން ނަން: އައިމިނަތު އަސްރާ ‎އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133 ‎އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391


އަސްރާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް 7795796 ނަންބަރުން ޔާސިރު އަހުމަދަށް ގުޅުމަށް ވަނީ އެދިފައެވެ.



އަސްރާގެ ދެމަފިރިން ދިރިއުޅެނީ ފުވައްމުލަކުގައެވެ. ބޭސްފަރުވާއަށް ގިނަ ފައިސާ ހަރަދު ކުރަންޖެހޭއިރު، މާލޭގައި ދިރިއުޅުމަށްވުރެ ބޮޑަށް ހަރަދު ކުޑައީ ރަށުގައި އުޅުން ކަމަށް ޔާސިރު ބުންޏެވެ. އަސްރާގެ މަންމަވެސް ދިރިއުޅެނީ ފުވައްމުލަކުގައި ކަމަށްވާތީ، އަސްރާ އެންމެ ބޭނުންވަނީވެސް މަންމަ ކައިރީގައި ދިރިއުޅޭށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page