https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުގެ މައްސަލަ އަލުން ބަލަން އަންގައިފި

  • މާހިރު މުޙައްމަދު
  • Aug 22, 2021
  • 1 min read

މާލޭ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ކްރިމިނަލް ކޯޓުގައި ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.


މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިންކަމުގެ ތުހުމަތުގައި ޝުޖާއުގެ މައްޗަށް ދަޢުވާ އުފުލީ، އޭނާ ޑެޕިއުޓީ މޭޔަރަކަށް ހުންނެވިއިރު، މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމެއްގައި، މާލޭ ޕްލޭނިންގ ޤަވާއިދުގައިވާ މިނަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށްޓަކައި ޢިމާރާތުގެ ކުރެހުން ފާސްކޮށް، ޢިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާކަމުގެ ތުހުމަތުގައެވެ. 250 އަކަފޫޓުގެ ބިމެއްގައި މާލޭ ޕްލޭނިންގް ޤަވާއިދާއި އެއްގޮތަށް ހުއްދަދެވޭނީ 6.27 މީޓަރަށެވެ. ނަމަވެސް 12 މީޓަރަށް ޢިމާރާތެއް އެޅުމަށް 2014 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ޝުޖާއު ސޮއިކުރައްވައި، ޢިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި ޢިމާރާތްކުރުމުގެ ހުއްދަ ދޫކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.


މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފަށް ބަލަންވީ ވަރަށް ނުބަލައި، ނިންމި ނިންމުމެއްކަމަށް ފާހަގަކޮށް ހައިކޯޓުން ވަނީ، މައްސަލަ އަލުން ބަލަންޖެހޭކަމަށް ޙުކުމްކޮށްފައެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page