ޝަހުމް މަރަން ހައިކޯޓުން ހުކުމްކޮށްފި
- މާހިރު މުޙައްމަދު
- Oct 13, 2021
- 1 min read

ސ.ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި، ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އަހުސަން މަރާލި މައްސަލާގައި ދައުލަތުން ވަނީ ޝަހުމްގެ އިތުރުން ޝިމާޒްގެ މައްޗަސްވެސް ދައުވާ އުފުލާފައެވެ. ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި އިރު، ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 20، 2014 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން 2 މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައިވެއެވެ. އަހްސަން މަރައިލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޝިމާޒް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 15 އަހަރަށް ލުމަށެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަމުން ވިދާޅުވީ ގަސްތުގައި މީހަކު މަރައިފިނަމަ އިސްލާމީ ޝަރީއަތުގައި އޮންނަނީ އެމީހެއްގެ ކިބައިން ގިސޯސް ހިފުން ނުވަތަ މަރަށް މަރު ހިފުން ކަމަށެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނުލްއުގޫބާތުގެ ދަށުން ނަމަވެސް، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކުރީގެ ގާނޫނާއި މިހާރުގެ ޤާނޫނާ ތަފާތެއް ނެތް ކަމަށެވެ. އެހެންކަމުން ޔަގީނާ ގާތްކުރާ މިންވަރަށް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އޭނާ މެރުމަށް ވަނީ ހުކުމްކޮށްފައެވެ.
އަހުސަން މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 03:30 ހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުން އޭނާ ހިނގާފައި ދަނިކޮށް ސައިކަލެއްގަ އައި .. މީހަކު ވަޅިން ހަމަލާދިނުމުންނެވެ. އަހުސަން މަރުވީ ވަޅިން ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.








Comments