ޝާހިދު ފައްޅިއަށް ވަނުމުން ރާއްޖެ ފަޟީހަތްވެއްޖެ- ޝަރީފް
- މާހިރު މުޙައްމަދު
- Sep 18, 2021
- 0 min read

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޝާހިދު ކުރެއްވި ޢަމަލަކުން ރާއްޖެ ވަރަށް ބޮޑަށް ފަޟީހަތްވެފައިވާކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ހުކުރުދުވަހުގެރޭ ކްލަބްހައުސްގައި، ރާއްޖޭގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޝާހިދު އިހަކަށްދުވަހު ފެނިގެންދިޔައީ ފައްޅިއެއްގައި ހުންނަވަނިކޮށް ކަމަށެވެ. ޝާހިދު އދ. ގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ނަޞާރާއިންގެ ފައްޅިއަކަށް ވަޑައިގެން އެ ތަނުގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަޞާރާއިންގެ މައި ސިޓީކަމަށްވާ ވަޓިކަން ސިޓީން ކަނޑައަޅާފައިވާ މިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި އަޅުކަމުގެ ރަސްމިއްޔާތަކީ އދ. ގެ މަޖިލިސް އާ ދައުރަކަށް ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެކެވެ. އެކަމަށް ޢިޝާރަތްކުރައްވައި ޝަރީފް ވިދާޅުވީ އެފަދަ ކަންކަމުން ވެސް ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުފޫޒު އޮތް މިންވަރާއި، ރާއްޖޭގެ މިއަދުގެ ހާލަތު ވަރަށް ބޮޑަށް ވަޒަންކުރެވޭ ކަމަށެވެ. ”ޝާހިދު އެވަރުގެ ކަމެއް ކުރައްވާނީ ވަރަށް ބޮޑަށް މަޖުބޫރުކަމެއް އޮވެގެންކަމަށް ގަބޫލުކުރެވެނީ. މިކަމުގެ ސަބަބުން ރާއްޖެވަނީ ވަރަށް ބޮޑަށް ފަޟީހަތްވެފަ. ރައްޔިތުން ތިބީ ލަދުގަނެފައި.“ ޝަރީފް ވިދާޅުވިއެވެ. ކުރިމަތިވަމުންދާ ގޮންޖެހުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތްކުރާއިރު، މުސްތަޤުބަލުގައި ޚާރިޖީ ސިޔާސަތު ބައްޓަންކުރަންޖެހޭނީ ކޮންގޮތަކަށްތޯ ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ޝަރީފް ވިދާޅުވީ ޤައުމު މިހާރު އޮތީ އަނބުރާ ހޯދަން އުނދަގޫ ފައްތަރެއްގައި ކަމަށެވެ.








Comments