https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސީމަނުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ސާބިތުކަމާއެކު ކުރާނަން- ނަހުލާ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 25, 2021
  • 2 min read


ސީމަނުންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގްވާމީ ސީމަނުންގެ ދުވަހު ދެއްވި ޚިތޯބެއްގައި އެކަމަނާ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރެއްގައި ސީމަނުންގެ ދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ، އެ މީހުންގެ ގުރުބާނީއާއި ހިދުމަތުގެ އަގުވަޒަން ކުރުމާއި، ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި، އެމީހުންގެ ސިއްހީ އަދި މަސައްކަތު މާހާއުލުގެ ރައްކާތެރި ކަން، ކަށަވަރުކުރުން ފަދަ ކަންކަމުގައި ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަންފީޒީ ބާރު ވަރުގަދަކުރުން ކަމަށެވެ.


ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި، އިގްތިސާދީ މުއާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށްކަން ފާހަގަކުރައްވައި އެ މުހިންމު މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ، ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ކަނޑުގެ ބިޔަ ރާޅުތަކާއި މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަ ހިނގާ ސަރަހައްދުތައް ހުރަސްކޮށް ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބިކަމީ ނުހަނު ބޮޑު ހަގީގަތެއް. އަނބިދަރިންނާއި އާއިލާއާއި ދުރުގައި ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަ ކުރުމުގެ ބުރައާއި ތަކުލީފަކީ އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިހްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.


ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19އިގެ ބަލިމަޑު ކަމަކީ، ފަހުގެ ތާރީހުގައި އިންސާނިއްޔަތަށް ކުރިމަތިވި ސިއްހީ އެންމެ ބޮޑު ކާރިސާ ކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މި ސިއްހީ ވަބާއިން ރައްކާތެރިވުމަށް ދުނިޔޭގެ ގައުމުތަކުން ދަތުރުފަތުރު ކުރުން މަނާކޮށް ފުރަބަންދު ކުރި ނަމަވެސް، ސީމަނުންނަށް އެމީހުންގެ ވާޖިބުން އެންމެ ހިނދުކޮޅަކަށްވެސް، އެއްފަރާތް ވުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. ފުރާނަޔަށް ނުރައްކާވާފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި، ސީމަނުންނަށް ކުރިމަތިވެފައިވާ ހައްލުކުރަން ދަތި ބޮޑެތި މައްސަލަތައް ހުރިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.


ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، އެމީހުންގެ ބަދަލުގައި ވަޒީފާއަށް އަންނަން ތިބި ސީމަނުންނަށް އާދެވޭނެ ގޮތެއް ނެތިގެން، އަމިއްލަ ވަޒަނަށް އަނބި ދަރީންނާއ، އާއިލާ ގާތަށް ނުދެވި ބޯޓު ފަހަރުގައި ހައްޔަރުވެފައި ތިބި އެތައް ހާސް ސީމަނުން ތިބިއިރު އެ ހިތްދަތިކަމާ ވޭނަކީ ސީމަނުންގެ އާއިލާތައް ފިޔަވައި އެހެން ބަޔަކަށް ތަސައްވަރު ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެ އަކީ އެއްގަމަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް. އަދި މައިގަނޑު ގޮތެއްގައި ދަތުރު ފަތުރުގެ ނިޒާމު ބިނާވެފައިވަނީ ކަނޑު މަގުން ކަމަށްވާއިރު ކޮންމެ ދުވަހަކު ކޮންމެ ހިނދެއްގައިވެސް އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރަމުންދާކަން ފާހަގަކޮށްލެވޭ. އެހެންކަމުން ސީމަނުންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި މާހައުލާއި ގުޅިލާމެހިފައިވާކަމެއް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.


އެސިނާއަތާގުޅޭ ކަންކަން ގާތުން ބައްލަވައި، އިރުޝާދު ދެއްވައި، ސިނާއަތް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދެއްވާ ސަމާލުކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފަ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page