ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 22 ވާ ހުކުރު ދުވަހުއެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އެ ގޮތުން މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައެޅިފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީން ބުނެފައިވެއެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް، އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި، ސެޓްފިކެޓް ލިބިގެން ދާނެއެވެ. މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް https://bit.ly/3g706Uu މެދުވެރިކޮށް ނުވަތަ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) އިންނެވެ. ހަމައެހެންމެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. މާލެ ފިޔަވައި އެހެނިހެން ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ މީހުން ޔޫތު މިނިސްޓްރީގެ މެއިލް info.yd@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާއިރު، އިނާމު ދިނުމުގައި ބަލާނެ މިންގަނޑު ވަނީ ގެޒެޓްކޮށްފައެވެ.








Comments