https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މާލެ ބިންތައް ވިއްކަން، އުސޫލު ނެރެފި

  • Writer: Goal mv
    Goal mv
  • Jun 29, 2021
  • 1 min read

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކަން ފެށުމުގެ ގޮތުން، އެކަމުގައި އަމަލުކުރާ އުސޫލެއް އާއްމުކޮށްފިއެވެ.


ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ހިންގި "ވެށިފަހި" މަޝްރޫއުގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލުމުން ހުޅުމާލޭން ބިން ހަމަޖައްސައިދީފައި ވެއެވެ. މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ގޯއްޗާއި ބިން ދިނީ މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކަށެވެ. މި މަޝްރޫއުގެ ދަށުން ދޫކޮށްލި ބިންތަކެއް ދައުލަތުގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ.


އަލަށް ނެރުނު ގަވައިދުގެ ބޭނުމަކީ މި ބިންތައް ބޭނުންވާ ފަރާތްތަކަށް ގަންނާނެ ފުރުސަތު ދިނުމެވެ.


"ވެށިފަހި" މާލެ ޕްރޮގްރާމުގެ ބިންތައް ވިއްކުމާ ބެހޭ އުސޫލު އާއްމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ އެ އުސޫލުގެ ބޭނުމަކީ މި ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކު ވެފައިވާ ބިންތައް ވިއްކޭނެ އުސޫލެއް ގާއިމުކޮށް، ޖާގައިގެ ތަނަވަސްކަން ކުޑަ ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ބިން ގަތުމުގެ ފުރުސަތު ދިނުމެވެ.


އާ އުސޫލުގެ ދަށުން ވިއްކަން އިއުލާނުކުރާ ބިންތައް ވިއްކުމުގެ އެންމެހާ ކަންކަން ނިންމުމަށާއި މި އުސޫލުގެ ދަށުން ވިއްކުމަށް ހުޅުވައިލާ ބިންތައް ވިއްކުމުގެ އެންމެހައި ކަންތައް ތަންފީޒު ކުރުމުގެ ބޭނުމަށް ތިން މެންބަރުންނާއި ހަތް މެންބަރުންނާ ދެމެދު ދެމެދުގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް "ވެށިފަހި ކޮމިޓީ" ގެ ނަމުގައި ޕްލޭނިން މިނިސްޓަރު އެކުލަވައިލާން ޖެހެއެވެ.


މިނިސްޓްރީން ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ ބިމާ އިންވެގެން އޮތް ބިމުގެ ބެހެނިވެރިޔާ ނުވަތަ ބެހެނިވެރިންނަަށެވެ. މީގެ އިތުރުން ވިއްކަން އިއުލާނު ކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިން ފިޔަވައި، ބިން ހިމެނޭ ގޯއްޗާ އިންވެގެން ހުރި ގޯތިތަކުގެ ވެރިފަރާތް ނުވަތަ ފަރާތްތަކަމަށެވެ. މިގޮތުން އިންވެގެންވާ ގޯތީގެ އެއް ފަރާތަށްވުރެ ގިނަ ވެރި ފަރާތްތައް ހިމެނޭނަމަ އަދި ގޯތި ބައިކޮށްފައި ނުވާނަމަ ބިން ވިއްކަން ވާނީ، ގޯތީގެ ހުރިހާ ބެހެނިވެރިން ބައިވެރިވެގެން ގަންނަން ހުށަހަޅައިފައިވާނަމައެވެ.


މި އުސޫލުގައިވާ ގޮތުން އެއް ފަރާތަށްވުރެ ގިނަ ފަރާތް ގުޅިގެން ވެސް ބިން ގަނެވިދާނެއެވެ.


ވެށިފަހި" މާލެ ޕްރޮގްރާމުގެ ދަށުން ދޫކޮށްލާފައިވާ 66 ބިމެއް 2018 ވަނަ އަހަރު ވިއްކާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު އެ ބިންތައް ނުވިއްކުނެވެ. ބިންތައް ގަލޮޅާއި ހެންވޭރު އަދި މާފަންނާއި މައްޗަން ގޯޅީގައި ވެސް އެބަހުއްޓެވެ. ގަލޮޅުގައި 11 ބިމެއް އޮތްއިރު ހެންވޭރުން 25 ބިމެއް އެބައޮތެވެ. މައްޗަންގޮޅިން ފަސް ބިމެއް ހުސްކޮށް އޮތް އިރު އަދި މާފަންނުގައި 25 ބިމެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page