ސަރުކާރުން ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
- މާހިރު މުޙައްމަދު
- Jul 12, 2021
- 1 min read

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފަށައިފައިވާ މަޝްރޫޢު ހިންގުމަށް، ކުވައިތު ފަންޑުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ދިވެހި ސަރުކާރާއި ކުވެއިތާދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެޑްމިން އެންޑް ފައިނޭންސް އެފެއާރޒްގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް ނެދާލް އޭ އަލް އޯލަޔާންއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކުވެއިތު ފަންޑާއި ދިވެހި ސަރުކާރާ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ކުވެއިތު ފަންޑުން 15 މިލިއަން ކުވެއިތު ދީނާރު ދޭން ނިންމައިފައިވާ ކަމަށެވެ. އެއީ 49.95 އެމެރިކާ ޑޮލަރު، ދިވެހި ރުފިޔާއިންނަމަ 770 މިލިއަނެވެ.
އެއާޕޯޓު ތަރައްޤީކުރަން ފެށި ނަމަވެސް، އެ މަސައްކަތްތައް ހުއްޓިފައިވާތާ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. އެއީ ކޮވިޑުގެ ސަބަބުން އައި ލަސްތަކެއް ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައިލެވޭނެކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.








Comments