ރަވްޝަންގެ މަރުގެ ބަދަލުދޭން ކުރި ޙުކުމް އިސްތިއުނާފުކުރަން ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މާލޭގައި ހަދަމުން ދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ނިޔާވި ރަވްޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދެއްކުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުގައި ޑަބްލިޔު ކޮންސްޓްރަކްޝަންއިން މަސައްކަތްކުރަމުން ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުންޖެހި ރަވްޝަން އަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ، ޑަބްލިޔު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތެއްގެތެރެއިން ކުޅަ ފަރުވާކުޑަ ޢަމަލުތަކެއްގެ ނަތީޖާގެ ސަބަބުންކަން ޖިނާޢީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެފައިވާ ކަމަށް ހުސްވި އޮގަސްޓު 31 ގައި ސިވިލް ކޯޓުން ކުރި ޙުކުމުގައިވެއެވެ. އެހެންވެ، ރަވްޝަންގެ މައިންބަފައިންނަށް ލިބުނު ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ޑަބްލިޔު ކޮންސްޓްރަކްޝަނުން އުފުލަން ޖެހޭނެކަމަށާއި، އުފުލަންޖެހޭނީ ވައިކޭރިއަސް ލައިބިލިޓީގެ ދަށުން އެ ޢަމަލު ކުރި ފަރާތްތައް ތަބާވާ އިދާރާގެ ހައިިސިއްޔަތުން ކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 17.4 މިލިއަންރުފިޔާގެތެރެއިން ނަގައިދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާ ކަމަށާއި، 02 މަސް ދުވަހުގެތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރަން ޙުކުމްގައި އަންގާފައިވެއެވެ. މި ޙުކުމް އިސްތިއުނާފުކުރަން ޑަބްލިޔު ކޮންސްޓްރަކްޝަނުން ހައިކޯޓަށް ހުށަހެޅީ ހުސްވި މަހުގެ 16 ގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.








Comments