ރައީސް ޔާމިންގެ ޝަރީޢަތް ކެންސަލްކޮށްފި
- މާހިރު މުޙައްމަދު
- Sep 5, 2021
- 1 min read

ކްރިމިނަލް ކޯޓުން މިއަދު ބާއްވަން ތާވަލްކުރި، ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ މަޖިލިސް ކެންސަލްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި، ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ 2 ދަޢުވާގެ ޝަރީޢަތުގެ މަޖިލިސް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކުރީ މިއަދު 09:00 ގައެވެ. މި މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައި ވަނީ، ރިޝްވަތުގައި ހިފުމުގެ ކުށުގައި ދަޢުވާއާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމިނަށް އުފުލާފައިވާ ދަޢުވާގައިވާ ގޮތުން ރައީސް ޔާމިން ރިޝްވަތު ނެންގެވީ ފުށްގިރީގައި ރިސޯޓެއް ތަރައްޤީކުރަން އެ ރަށް ކުއްޔަށް ދޫކޮށްގެން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށެވެ. އަދި މަނީ ލޯންޑާރ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަންއާއި، ސަން އިންވެސްޓްމަންޓް ބޭނުން ކޮށްގެން ކަމަށެވެ. އެ ގޮތުން މި މައްސަލައިގައި މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދަޢުވާ އުފުލާފައިވެއެވެ. މި ފަރާތްތަކަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުން ވެސް އެ ގަޑީގައި ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެ ފަރާތްތަކުގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި އަދި ކުރިއަށް ނުގެންދެއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވުމުން ރައީސް ޔާމިންގެ ޝަރީޢަތް މިއަދު ފެށުނީ 10:30 ހާއިރުގައެވެ. ޝަރީޢަތް ފެށުން ލަސްވުމުން މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ މިއަދުގެ ތަޖުރިބާއަށްފަހު ވިސްނަވަނީ، ވަކިވަކި އަޑުއެހުންތަކެއް އެހެން ދުވަހަކަށް ތާވަލްކުރަން ކަމަށެވެ. އެ ގޮތުން ކްރިކް ރިޟާގެ ހުށަހެޅުއްވުންތައް ހުށަހެޅުއްވުމަށް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި އަޑުއެހުމެއް ބާއްވަން ވަނީ ނިންމަވާފައެވެ. އަދި ސަން އިންވެސްޓްމަންޓުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ދުވަހުގެ 10:00 ގައި، އަދި ސަން ކޮންސްޓްރަކްޝަންގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ދުވަހުގެ 11:00 ގައި އަޑުއެހުމެއް ބާއްވަން ވަނީ ނިންމަވާފައެވެ. އެއަށްފަހު ޝަކީލް ވިދާޅުވީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ޝަކީލް ވިދާޅުވި ގޮތުގައި، ޝަރީޢަތުގެ އިތުރު މަރުހަލާތައް ކުރިއަށް ގެންދިއުމުގެ ކުރިން، މައްސަލައަކީ އެ ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ނުވަތަ ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫންތޯ ނިންމަންޖެހޭ ކަމަށެވެ. އެ ގޮތުން ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރައްވައި ޝަކީލް ނިންމެވީ އެ މައްސަލަތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.








Comments