ރައީސް ޔާމިނުގެ މައްޗަށް އުފުލައިފައިވާ 2 ދަޢުވާގެ އަޑުއެހުން މާދަމާ އޮންނާނެ- ކްރިމިނަލް ކޯޓު
- މާހިރު މުޙައްމަދު
- Jul 31, 2021
- 1 min read

ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ 2 ދަޢުވާއެއްގެ ޝަރީޢަތުގެ މަޖިލިސް މާދަމާ ބޭއްވުމަށް، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މާދަމާގެ ހެނދުނު 09:00 އަށް ތާވަލްކޮށްފައިވަނީ، ރައީސް ޔާމިންގެ މައްޗަށް އުފުލައިފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއަކާއި، މަނީ ލޯންޑްރިންގެ ދަޢުވާއެއްގެ ޝަރީޢަތެެވެ.
ރައީސް ޔާމިންގެ މައްޗަށް މި 2 ދަޢުވާ އުފުލައިފައި ވަނީ ރ.ފުއްގިރި މައްސަލައިގައެވެ.
އެ މަނިކުފާނުގެ މައްޗަށް މި 2 ދަޢުވާ އުފުލައިފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި، ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައެވެ.
ހަމައެހެންމެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.
މި މައްސަލައިގައި ރައީސް ޔާމިނުގެ މައްޗަށް 2 ދަޢުވާއެއް އުފުލާފައިވާއިރު، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަންއާއި، ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދަޢުވާ އުފުލާފައިވެއެވެ.
ރައީސް ޔާމިންގެ މައްޗަށް އިތުރު 2 ދަޢުވާ އުފުލައި ޝަރީޢަތް ފަށާފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެ މަނިކުފާނު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.








Comments