ރައީސް ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ
- މާހިރު މުޙައްމަދު
- Nov 18, 2021
- 2 min read

ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވާކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީން، އެސްއޯއެފް ކުންފުންޏަށް ޖަމާކޮށްފައިވާ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ 05 ވަނަ ދުވަހު ނިންމާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ މިއަދު މި މައްސަލަ އާއި ގުޅިގެން ބައެއް ކަންކަމާއި ބެހޭގޮތުން ސާފުކުރަންޖެހޭ ކަންކަން ހުރުމުން އެކަމަށް އަޑުއެހުމެއް ބާއްވާފައެވެ. މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއީ މައްސަލަ ދިރާސާކުރަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ، މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލަ ފާހަގަކުރެވިފައި ވާކަމަށެވެ. މިއީ ކުރިން ރައީސް ޔާމީންގެ ދިފާއީ ވަކީލުންވެސް ސުޕްރީމް ކޯޓުގައި ފާހަގަކުރި މައްސަލަ އެކެވެ. މިކަމާއި ގުޅިގެން ފަނޑިޔާރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ އެ ޗެކަކީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ވާހަކަ ދެކެވޭ ޗެކު ކަމަށާއި ރައީސް ޔާމީނަށް ޗެކް ޖަމާކުރި ޑިޕޮސިޓް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާކަން އެނގުނީ ދައުވާކުރި ފަހުން ކަމަށެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ އެ ޗެކްގެ ތާރީހާއި އަދަދު ދިމާވާތީ ޗެކު ނަންބަރު އޮޅިފައި ވަނީ ބޭންކުން ޗެކް ނަންބަރު އެންޓަކުރުމުގައި ދިމާވި އޮޅުމަކުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަނޭޅި އޮތަސް ޒިޔަތުގެ މައްސަލާގައި މި ޗެކް ހުށަހަޅާފައި އޮތްކަން ފާހަގަކޮށްފައި ވާތީ އެކަމާ ބެހޭ ގޮތުން ފަނޑިޔާރު މަހާޒް ދައުލަތާ ސުވާލު ކުރެއްވުމުން، ދައުލަތުން ބުނީ މި މައްސަލައިގެ ތެރެއިން އެ ޗެކް ލިބިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމުގެ ކުރިން ޒިޔަތުގެ މައްސަލާގައި މި ޗެކް ލިބި ދައުވާކޮށްފައި އެބަ އޮތް ނޫންތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ. މި ސުވާލާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ޗެކު ލިބިގެން ޒިޔަތުގެ މައްޗަށް ދައުވާކުރެވިފައިވާ ކަމަށާއި ނަމަވެސް ޗެކް ލިބިފައި އޮތްކަން ނޭނގި އޮތީ ޕީޖީ އޮފީހުގައި މަސައްކަތް ރޭވިފައި އޮތް ގޮތުން އެއް ބަޔަކު ގެންގުޅޭ ލިޔުންތައް އަނެއް ބަޔަކަށް ނުފެންނާނެތީ އާއި ޒިޔަތުގެ މައްސަލައިގެ ލިޔުންތައް ގެންގުޅެފައިވަނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައި ކަމަށް ވުމުން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަން ރައީސް ޔާމީންގެ ވަކީލުންނަށް ބެންޗުން ފުރުސަތު ދިނުމުން ވަކީލް ޝިޔާޒް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ދައުލަތަށް ލިބިފައި ހުރި ލިޔުންތަކަކީ ދައުލަތަށް ލިބިފައިހުރި ލިޔުންތަކެއް ކަމަށެވެ. އެއީ އޮޅުމެއް ކަމަށް ދައުލަތަށް ނުބުނެވޭނެ ކަމަށާއި މިކަމުގައި ދައުލަތުގެ އިހުމާލެއް އޮތްކަން ސާފުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު މަހާޒް މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ މަހު ސުޕްރީމް ކޯޓު، ޗުއްޓީއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމްކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ. ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުމާ ގުޅިގެންނެވެ.








Comments