ރައީސް ޔާމިން ދޫކޮށްލަން އެދިއްޖެ
- މާހިރު މުޙައްމަދު
- Sep 12, 2021
- 2 min read

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިންގެ ކުށުގެ ދަޢުވާ ސާބިތުވުމުން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ކަފާލަތުގެ ދަށުން ދޫކޮށްލަން ސްޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމިންގެ އެކައުންޓަކަށް ފައިސާ ޖަމާކުރި މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ދުވަހުގައެވެ. ޙުކުމް އިއްވީ ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލުމަށާއި، ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މި ގޮތުން އެ ޙުކުމް އިސްތިއުނާފުކުރުމަށް ރައީސް ޔާމިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ނިންމީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓާށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެެވެ. ހައިކޯޓުގައި ވެސް ރައީސް ޔާމިންގެ ފަރާތުން ކަފާލަތުގެ ދަށުން ދޫކޮށްލުމަށާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރަން އެދުނެވެ. އެހެނަސް ހައިކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ރައީސް ޔާމިންގެ ޝަރީޢަތް މިއަދު ސްޕްރީމް ކޯޓުގައި ފަށާފައިވާއިރު، ކަފާލަތުގެ ދަށުން ދޫކޮށްލުމަށާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރަން އެދުނެވެ. ރައީީސް ޔާމިނުގެ ފަރާތުން ލިޔުމުން އެކަމަށް އެދި ހުށަހަޅާފައިވާއިރު، ދައުލަތުން ވަނީ ލިޔުމުން ޖަވާބުދާރީވެ، އެކަމަށް އިއުުތިރާޒުކޮށްފައެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމިންގެ ވަކީލުން ވިދާޅުވީ، ދައުލަތުގެ ޖަވާބު ލިބިފައިވަނީ އިއްޔެ ކަމަށެވެ. އެހެންކަމުން އެއަށް ރައްދު ދިނުމަށް އިތުރު މުހުލަތެއް ބޭނުންވާ ކަމަށެވެ. އެ ގޮތުން ޝަރީޢަތުން ނިންމީ ދެ ދުވަސްފަހުން އެ ބައި ކުރިއަށްގެންދިއުމަށާއި، އިސްތިއުނާފް ނުކުތާތަކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ގެންދިއުމަށެވެ. ރައީސް ޔާމިންގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް: ރައީސް ޔާމިންގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިއިރު، އެ ނުކުތާތަކަކީ ހައިކޯޓުގައި ވެސް ފާހަގަކުރި ނުކުތާތަކެވެ. މިއަދުގެ މަޖިލީހުގައި ހުށަހެޅީ އޭގެތެރެއިން 07 ނުކުތާއެެވެ. ހަމައެހެންމެ ދެން ހުރި ނުކުތާތަކާއި ގުޅިގެން ވާހަކަދެއްކުމަށް މާދަމާ ހެނދުނު 09:00 އަށް ވަނީ އަޑުއެހުމެއް ތާވަލްކޮށްފައެވެ. މިއަދު ހުށަހެޅި ނުކުތާތަކުގެތެރޭގައި، ތަޙްޤީޤުގައި ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށްފައިނުވާކަމާއި، ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުކަމަށް ފާހަގަކުރިއެވެ. ހަމައެހެންމެ ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ އުފުލިއިރު، އެކަން ކުރިގޮތެއް، އެކަން ހިންގާފައިވަނީ ކޮންތާކުކަމެއް ދައުލަތަށް ބުނެދެވިފައިނުވާކަން ވެސް ފާހަގަކުރިއެވެ. އެހެންކަމުން ދަޢުވާ ފުރިހަމަނުވާކަން ވެސް ފާހަގަކުރިއެވެ. ހަމައެއާއެކު ކްރިމިނަލް ކޯޓުގެ އިބްތިދާއީ މަރުހަލާގައި ލިބެންޖެހޭ ލިޔުންތަކެއް ދައުލަތުން ހިއްސާކޮށްފައިނުވާކަން ފާހަގަކުރިއެވެ. އެ ގޮތުން ދަޢުވާ ސާފުނުވާ ކަމަށާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ހުރަސްތަކެއް ކުރިމަތިވިކަން ވެސް ފާހަގަކުރިއެވެ. އަދި އިބްތިދާއީ މަރުހަލާއާއި، ޝަރީޢަތުގެ މަރުހަލާ އެއްކޮށް ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަކަން ވެސް ފާހަގަކުރިއެވެ.








Comments