ރައީސް ޔާމިނަށް ޙުކުމްކުރީ ގާޒީން ރަހީނުކޮށްގެ- ފާއިޒް
- ޙުސައިން އަޙުމަދު

- Aug 29, 2021
- 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ ”ގާޒީން ރަހީނުކޮށްގެން“ ކަމަށް، އެ މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއެއްކަމަށްވާ ޙުސައިން ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.
ފާއިޒް މިހެން ވިދާޅުވެފައިވަނީ އޭނާގެ ރަޙްމަތްތެރިއަކާއެކު ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ. ފާއިޒް ވާހަކަދައްކަވާފައިވާ އޯޑިއޯއެއް ގޯލް އެމްވީއަށް ވަނީ ލިބިފައެވެ.
އޯޑިއޯގައި ވާހަކަދެއްކި މީހާ ވަނީ ރައީސް ޔާމިނަށް ކުރި ޙުކުމަކީ ރަނގަޅު ޙުކުމެއްތޯ ސުވާލުކޮށްފައެވެ. އެ ގޮތުން ފާއިޒު ވިދާޅުވީ ޙުކުމް ކުރާނީ 2 ގޮތެއް އޮވެގެން ކަމަށާއި، އެއްގޮތަކީ އެ ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ގަބޫލުކުރައްވާތީ ޙުކުމް ކުރުން ކަމަށާއި، 2 ވަނަ ގޮތަކީ ޙުކުމަށް ތާއީދު ނުކުރި ނަމަވެސް ޙުކުމް ކުރުން ކަމަށެވެ. އަދި 3 ވަނަ ގޮތެއް ވެސް އޮވެދާނެ ކަމަށާއި، އެއީ ރަހީނުކުރުން ކަމަށެވެ.
ހަމައެހެންމެ ރަހީނުކުރެވޭނެ ބައިވަރު ގޮތްތަކެއް ހުންނާނެ ކަމަށާއި، އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް ޢަމަލެއް ހިންގިދާނެ ކަމަށެވެ.
ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ޙުކުމްކުރީ އެންމެ ސަބަބެއް ކުރިމަތިވެގެން ނޫން ކަމަށާއި، އޭގައި ބައިވަރު ސަަބަބުތައް އެބަހުރި ކަމަށެވެ. ނަމަވެސް އޭނގެ ތަފްސީލެއް ދެވެންނެތްކަމަށް ފާއިޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިޒް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އަދި ނުޙައްޤުން ކުރި ޙުކުމެއްގައި ރައީސް ޔާމިން ޖަލުގައި އޮންނަވައިފި ނަމަ، އެ މަނިކުފާނުގެ ތާއީދު އިތުރުވަމުންދާނެކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމިނަށް ހުރިހާކަމެއް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެ ނިންމުމުން ކުރާ ފައިދާ 2023 އަހަރުގައި ފެންނާނެ ކަމަށެވެ.
ރައީސް ޔާމިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވީ އޭރުގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ނަމަވެސް ހައިލަމް ސަސްޕެންޑްކުރުމަށް ފަހު މައްސަލަ ބެއްލެވީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ.








Comments