ރައީސް ޞާލިޙް، ށ އަދި ރ އަތޮޅެއްގެ ބައެއް ރަށްތަކަށް ދަތުރު ފަށްޓަވައިފި
- މާހިރު މުޙައްމަދު
- Sep 7, 2021
- 1 min read

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ށ.އަތޮޅާއި، ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ށ.ޅައިމަގާއި، ފޯކައިދުއާއި، މާއުނގޫދުއާއި، ފުނަދުއަށާއި، ރ.ވާދުއާއި، އަލިފުށްޓާއި، ރަސްގެތީމާއި، އުނގޫފާރަށް ވަޑައިގަންނަވާނެއެވެ.
މީގެތެރެއިން ރައީސް ފުރަތަމަ ވަޑައިގަންނަވާނީ ފުނަދުއަށެވެ.
މި ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރ.އަލިފުށީގައި ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެެރިވެވަޑައިގަންނަވައެވެ.








Comments