ރައީސް ނަޝީދު ”ކަލެއް“ ކަމަށް ދަޢުވާކޮށްފާނެ- ފާރިޝް
- Goal mv
- Jul 6, 2021
- 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ އުޅުއްވާ ގޮތުން، ”ކަލެއް“ ކަމަށް ދަޢުވާކޮށްފާނެކަމަށް ސުވާލު އުފެދޭ ކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް، ވިދާޅުވެެއްޖެއެވެ.
ޝައިޚް ފާރިޝް މިއަދު ކުރެއްވި ޓުވީޓެެއްގައި ވަނީ، ވެރިކަން ބޭނުންފުޅު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވައިފައެެވެ.
ވެރިކަން ވެއްޓުނު ފަހުން ރައީސް ނަޝީދު ވަނީ ރައީސްކަން ކުރައްވާން އިތުރަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ. އޭގެފަހުން ހުސްވި އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުގައި ވެސް އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ. އަދި މި އުޅެނީ ކުރައްވާނެކަމެއް ނެތިގެން ނޫން ކަމަށާއި، ބޮޑުވަޒީރުކަން ބޭނުންފުޅު ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މަޑުން ނުހުންނެވިގެން އެންމެ ފަހުން މި އަހަރުގެ އޭޕްރީލް މަހުގައި ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް މެސެޖެއް ފޮނުއްވައިފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުން ރޭ ގެނެސްދިން ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި ވާަހަކަފުޅު ދައްކަވަމުން، އެ މަނިކުފާނު ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީި އިންތިޚާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމާއި، އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެކަމަށްވާނަމަ، ބޮޑުވަޒީރަކަށްވެ ވަޑައިގަތުމަށް ކުރިމަތިލައްވާނެކަން ވެސް ހާމަކުރައްވައިފައެވެ.
”ވެރިކަމެއް ބޭނުމެެއް ނޫނޭ ބުނި މީހާ ޕާޓީގެ ޗެއަރޕާރސަންކަމުން، ޕާޓީގެ ރައީސްކަމުން، ޤައުމުގެ ރައީސްކަމުން، ބޮޑު ވަޒީރުކަމަށް ގަދަ ހިފުމުގައި. އެއަށް ފަހު ރަސްކަމުން، ނަބީކަމުން، ރަސޫލުކަމުން، ކަލެއްކަމަށް ނޭދޭނެބާ“ ޝައިޚް ފާރިޝް ސުވާލު ވެސް ވަނީ އުފައްދާފައެވެ.








Comments