ރައީސްގެ ދެމަފިރިކަނބަލުން ތިލަދުންމައްޗަށް ފުރާވަޑައިގަންނަވައިފި
- މާހިރު މުޙައްމަދު
- Jul 16, 2021
- 1 min read

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ތިލަދުންމަތީ ދެކުނުބުރިއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ރަށަށް ވަޑައިގެން، އެ ރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ތިލަދުންމަތީ ދެކުނުބުރީ ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ވެސް ރައީސް ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުމުންދޫއަށެވެ. އެ ރަށަށ ވަޑައިގެން ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެެއެވެ. ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫއަށެވެ. އެ ގޮތުން އެ ރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވައިލައްވާނެއެވެ. ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. ހަމައެހެންމެ މި ދަތުރުފުޅުގައި ރައީސް ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ. މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެމަފިރިކަނބަލުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުގައެވެ.








Comments