ރާއްޖެ އެތެރެކުރި 1.1 މިލިއަން ރުފިޔާގެ ރަން ދައުލަތަށް ނެގޭނެ- ސުޕްރީމް ކޯޓް
- ޙުސައިން އަޙުމަދު

- Aug 20, 2021
- 1 min read

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 1.1 މިލިއަން ރުފިޔާގެ ރަން ދައުލަތަށް ނަގަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފިއެވެ.
އިންޑިއާގެ ރައްޔިތަކު 2014 ގައި ރާއްޖެ އައި އިރު އޭނާ ލައިގެން ހުރި ޖެކެޓާއި ފަޓްލޫނުގެ ޖީބުގައި ފޮރުވައިގެން 1.7 ކިލޯގެ ރަން ބުލިއަންތަކެއް އެތެރެކުރިއެވެ.
އެތަކެތި އެތެރެކުރީ ޑިކްލިއާ ނުކޮށް ކަމަށްވާތީ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ދައުވާކުރީ އެ ތަކެތި ދައުލަތަށް ނެގުމުގެ އަމުރަކަށެވެ. އެ މައްސަލާގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ 1.1 މިލިއަން ރުފިޔާގެ އަގު ހުރި އެ ރަންތައް ދައުލަތަށް ނެގުމަށެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވާ މުދާތައް ފިޔަވައި އެހެން ބާވަތުގެ މުދަލެއް އެތެރެކުރާ ނަމަ، ޑިކްލެއާ ކުރަން ޖެހޭނެ ކަމަށާއި ރަނަކީ އެތެރެ ކުރުން މަނާ މުދަލަކަށް ނުވިޔަސް، ޤާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ނުކޮށް އެތަކެތި އެތެރެ ކޮށްފައިވާތީ އެފަދަ މުދަލެއް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކަސްޓަމްސްއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ ރަން އެތެރެ ކުރުމުގެ ކުރިން ޑިކްލެއާ ކުރަން ޖެހޭ ކަން އެ މީހާއަށް އަންގާފައި ނެތުމަކީ އެ މީހާ އެކަމުން ސަލާމަތްވެވޭނެ ކަމެއް ނޫން ކަމަށާއި ޤައުމުތަކަށް ދަތުރު ކުރުމުގައި އެ ޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތައް ބެލުމަކީ ދަތުރުކުރާ މީހުންގެ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެއެވެ.
އަދި އެ މައްސަލާގައި އެ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ދައުލަތުން ނިންމާފައި އޮތަސް، އެއީ ރަންތައް އަނބުރާ ދޭންޖެހޭނެ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ ރަންތައް ދައުލަތަށް ނަގަން ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ގަވާއިދާ ޚިލާފަށް އެތެރެކުރި ރަންތަކެއް ދައުލަތަށް ނަގަން ހުކުމް ކުރިއިރު، ދިރުވާލައިގެން ރާއްޖެއަށް ރަންތަކެއް އެތެރެކުރި އިންޑިއާ މީހަކު ޖަލަށްލާން ދާދިފަހުން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.








Comments