މެދުމިނުގެ އިސްލާމްދީނެއް އޮންނަ ކަމަށް ޕީޕީއެމްއިން ޤަބޫލެއްނުކުރަން- ޣައްސާން
- ޙުސައިން އަޙުމަދު

- Jul 13, 2021
- 1 min read

މެދުމިނުގެ އިސްލާމްދީނެއް އޮންނަކަމަކަށް ޕީޕީއެމްއަކުން ޤަބޫލެއްނުކުރާކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މަައުމޫން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ޖަވާބުދެއްވައިފިއެވެ.
ރައީސް ނަޝީދު އިއްޔެ ވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ ގޮތުން ދެން ނުހުންނަވާނެކަން ހާމަކުރައްވައިފައެވެ. އެ ގޮތަށް ނިންމެވީ ޒާތީ މައްސަލައެއް އޮވެގެން ނޫންކަމަށާއި، ފިކުރީ ތަފާތުވުންތަކަކާއި ގުޅިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމިން މެދުމިނުގެ ދީނީ ސިޔާސަތަކަށް ތާއީދުކުރައްވާނަމަ، އެ މަނިކުފާނުގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ކްލަބްހައުސް މެދުވެރިކޮށް ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ، މެދުމިނުގެ އިސްލާމްދީނެއް އޮންނަކަމަކަށް ޕީޕީއެމްއަކުން ޤަބޫލެއްނުކުރާ ކަމަށެވެ. ހަމައެހެންމެ އިސްލާމްދީން އޮންނަނީ މަތިވެރި އިލާހު ބާވައިލެއްވި ގޮތަށް ކަމަށެވެ. ރައީސް ނަޝީދު މިއަދު ވަނީ، އެ މަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތްކުރުން ކަމަށާއި, އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އައު އިއްތިހާދުގައި ހުންނާންޖެހޭ ޝަރުޠުތައް ހާމަކުރައްވަމުން ވިދާޅުވީ، އެއީ އިންޑިއާ އައުޓަށް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ, މިއުޒިކް ޙަރާމްނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށްވާން ޖެހޭނެ ކަމަށެވެ. މި ގޮތުން ޣައްސާން ވިދާޅުވީ އެއިން އެއްވެސް ޝަރުތަކާއި ޕީޕީއެމްއަކުން އެއްބަހެއް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ޕީޕީއެމް ދެމި އޮންނާނެކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.








Comments