ޤާނޫނާއި ޚިލާފަށް 10 ފުލުހަކު ހެކި ހޯދާ- ޕީޖީ
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޚިލާފަށް ހެކި ހޯދާކަމަށް ފާހަގަކުރެވޭ ދިހަ ފުލުހެއްގެ މައްސަލަ، ފުލުހުންގެ އިދާރާގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށް، ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤު މަރުހަލާގައި ޤާނޫނާއި ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން، ބޮޑެތި ކުށްވެރިންނަށް ދަޢުވާނުކުރެވި ކޯޓުތަކުން ދޫކޮށްލާ މަންޒަރަކީ ދޭތެރެއިން ފެންނަ މަންޒަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުސްވިމަހުގެ 30 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވަނީ، ބޮޑެތި މައްސަލަތަކުގައި ޤާނޫނާއި ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން، ކުށްވެރިންނަށް ދަޢުވާނުކުރެވި ކޯޓުތަކުން ދޫކޮށްލާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހަމައެހެންމެ ޒަރީރު ވިދާޅުވީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލެމުންދާ ކަމަށެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ހެކި ހޯދުމުގައި އިޖުރާޢަތްތަކާއި ޚިލާފުވެ ހެދޭ ގޯސްތަކުން ނުރައްކާތެރި ކުށްވެރިން ދޫވަމުންދާ މައްސަލަ ވަަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. ޝަމީމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 6 މަސް ދުވަހުގެތެރޭގައި، އިޖުރާޢަތްތަކާއި ޚިލާފުވި ދިހަ ފުލުހެއްގެ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. އެހެންވެ، އެކަން ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ހަމައެއާއެކު ޝަމީމް ވިދާޅުވީ ކޯޓު މަރުހަލާގައި އިޖުރާޢީ މައްސަލަތަކާހުރެ، ދައުލަތާއި ދެކޮޅަށް ނިމިގެންދާ މައްސަލަތައް ދިރާސާކުރައްވައި، ރަނގަޅުކުރަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.








Comments