ޕާކިންގް ޒޯންތަކާއި މާރުކޭޓް ގޮޅިތަކުގެ ގުރުއަތުލާނީ ޓީވީން ލައިވްކޮށްގެން– ޑރ. މުއިއްޒު
- ޙުސައިން އަޙުމަދު

- Jul 13, 2021
- 2 min read

ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޒޯންތަކާއި މާރުކޭޓް ގޮޅިތަކަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ޖެހިއްޖެނަމަ ގުރުއަތުލާނީ ޓީ.ވީ އން ލައިވްކޮށްގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާކިންގް ސްލޮޓްތަކާއި މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް ޢާއްމުކޮށް ފެންނަގޮތަށް ވަރަށް ޓްރާންސްޕަރެންޓް ގޮތަކަށް ކަމަށެވެ.
އަގުދީގެން 4 ފުރޮޅުލީ އުޅަނދު ޕާކްކުރާ ޕާކިންގް ސްލޮޓްތަކަށް ހުޅުވާލީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 ވަނަދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމަށެވެ. 211 ޕާކިންގް ޒޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު މީގެތެރޭގައި މަގުތަމީގެ ޕާކިންގްތައްވެސް ހިމެނެއެވެ. މަގުތަމީގެ ޕާކިންގްގެ ގޮތުގައި ހުރީ އަމީނީ މަގާ ގުޅިފައިވާ މަގުތަކެވެ. އޭގެތެރޭގައި މއ. ވައިދެރިޔާ ހިންގުމުން 44 ޖާގަ، މއ.ރާދަފަތި ހިނގުމުން 21 ޖާގަ، މއ. ކުރެދި ގޯޅިން 10 ޖާގަ، މއ.ހުދުފަޅު ހިނގުމުން 8 ޖާގަ، މ.ހިލާލީ މަގު އަމީނިމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ.ހިލާލީ މަގު އަމީނިމަގު އިރުމަތީފަޅިން 10 ޖާގައެވެ. މީގެ އިތުރުން ސަލާޙުއްދީން ޕާކިންގް އިން 10 ޖާގަ، އާތިފިޝަލް ބީޗް ޕާކިންގއިން 24 ޖާގަ، އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ އަދި ސަލްމާން މިސްކިތް ޕާކިންގް އިން 58 ޖާގަ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ. މި ޖާގަތަކަށް އެދެވޭނީ 350 ކިލޯއިން ދަށުގެ ޕިކަޕަށާއި ކާރާއި ވޭނަށެވެ.
މާލޭ ސިޓީ ކައުންސިލުން މާރުކޭޓް ގޮލީތައް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މިކަން ޢާއްމުކޮށް ހުޅުވާލައި ކުރި އިޢުލާންގައިވާގޮތުން ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.
ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮޅިތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.
މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.
މާރުކޭޓް ގޮޅިތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ. މިފަހަރު މާރުކޭޓް ގޮޅިތަކަށް އެދޭފަރާތްތަކުން އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ 14:00 ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.








Comments