ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ފައި ބުރިކޮށްލަން ޖެހިއްޖެ
- މާހިރު މުޙައްމަދު
- Nov 17, 2021
- 1 min read

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްޗިސްވެ ބުރިކޮށްލަން ޖެހިއްޖެއެވެ.
ޖަމާލުއްދީން ސްކޫލު ކައިރިން ރޭ އިރާކޮޅު ހިނގި އެކްސިޑެންޓްގައި މަގު ހުރަސްކުރި ވަގުތު ޕިކަޕަކުން ޖެހި، ޕިކަޕުގެ ދަށުވި އަންހެނެއްގެ އެއް ފައި ޗިސްޗިސްވެފައިވާކަމަށެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި އެވަގުތު ހުރި އެމްއެންޑީއެފްގެ އޮފިސަަރަކާއި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯގެ 2 އޮފިސަރަކާއި އާންމުންގެ އެހީތެރިކަމާއެކު އެ އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެ ހާދިސާ ހިނގި ގޮތް ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު އެ ވީޑިއޯއިން އަންހެން މީހާ މަގު ހުރަސްކޮށް މަގުގެ އަނެއް ފަޅިއަށް އެރި ވަގުތު ޕިކަޕުން އެ އަންހެން މީހާގެ ގައިގާ ޖެހޭ މަންޒަރު ފެނެއެވެ.
އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާގެ ފައި މިއަދު ވަނީ ބުރިކޮށްލާފައި ވާކަމަށާއި އަދި އޭނާ ހޭ ނާރާ ކަމުގެ މައުލޫމާތު ލިބެއެވެ.








Comments