ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލައިފި
- މާހިރު މުޙައްމަދު
- Sep 20, 2021
- 0 min read

ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަން (ބްރޯޑްކޮމް) އިން ފުލުހުންނަށް ގޮވާލައިފިއެވެ.
ބްރޯޑްކޮމްއިން މިއަދު ބުނީ، ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާކަމުގެ ޝަކުވާއާއި، ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް ބައެއް ފުލުހުން ޢަމަލުކޮށްފައިވާކަމުގެ ޝަކުވާ، އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް އިލްތިމާސް ކުރާ ކަމަށެވެ. ”އެއްވުންތަކާއި، މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމުކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް އިލްތިމާސްކުރަން.“ ބްރޯޑްކޮމްއިން ބުންޏެވެ. މީގެ އިތުރުން ބްރޯޑްކޮމްއިން ވަނީ، އެއްވުންތަކާއި، މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި، މީޑިއާގެ ފަރާތްތަކުން ޤާނޫނާއި، ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށް އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ މިފަދަ އެއްވުންތަކާއި، މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދު ވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ވެސް ބްރޯޑްކޮމްއިން ވަނީ ނަސޭހަތްތެރިވެފައެވެ.








Comments