ނިހާންގެ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމަންޓް ދައުލަތަށް ނަގަނީ
- Goal mv
- Jul 13, 2021
- 1 min read

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކަށް ޤާނޫނާއި ޚިލާފަށް ލިބިފައިވާކަމަށް ބުނާ ރޮލެކްސް ގަޑިއަކާއި ލަގްޒަރީ އެޕާޓްމަންޓް ދައުލަތަށް ނަގަން އެދިއްޖެއެވެ.
ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަނީ ލޯންޑްރިން މައްސަލަތަކުގައި ހިމެނޭ ފައިސާދައުލަތަށް އަނބުރާ ނެގުމަށް އެދިފައިވާނެ ކަމަށާއި، އެގޮތުން މިދިޔަ އަހަރުވެސް 70 މިލިއަން ރުފިޔާއާއި، ލަޤްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއެއް ދައުލަތަށް އަނބުރާ ނަގައިދިނުމަށް އެދިފައިވާނެ ކަމަށްް ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކުށްކޮށްގެން ހޯދާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ފުޅާކޮށްފައިވާ ކަމަށާއި، އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މިދިޔަ އަހަރު އެދިފައިވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، ދައުލަތަށް ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި ހިމެނޭ އެޕާޓްމެންޓާއި ރޮލެކްސް ގަޑި އަކީ ކުރީގެ މެންބަރު ނިހާން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ތަކެތި ކަމަށެވެ.
ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާނުގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ 2 ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައެވެ.
މިދައުވާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ނިހާން ބަލައިގެންފައިވާކަމަށް ބުނެފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑެންސުން ފްލެޓެއް ގަނެފައިވާ މައްސަލައެއްވެސް އޭގެތެރޭގައި ހިމެނެއެވެ.








Comments