މިސްކިތުގައި އިން އިންޑިޔާ މީހާ މިސްކިތުގެ ހުރުމަތް ކަނޑާފައި ނުވޭ– ޑރ. ޒާހިރު
- މާހިރު މުޙައްމަދު
- Jul 24, 2021
- 1 min read

މާލޭގައި ހުންނަ ހުކުރު މިސްކިތަށް ވަދެ އެތަނުގައި އިން އިންޑިޔާ އަންހެން މީހާ މިސްކިތުގެ ހުރުމަތް ކަނޑާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިންޑިޔާ އަންހެނަކު ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް ޣައިރު ދީނުގެ އަޅުކަން ކުރަނީ ކަމަށް ބުނެ މީސްމިޑިޔާގައި ވީޑިޔޯ ދައުރުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
އަންހެން މީހާ މިސްކިތުގައި އިން އިރު، އޭނާގެ ކުރިމަތީގައި އެއްޗެއް އޮތްތަން ފެނެ އެވެ. ޔޯގާ ކަސްރަތު ކުރާއިރުގަ އާއި ބައެއް ދީންތަކުގެ މީހުން އެމީހުންގެ އަޅުކަމުގައި ވެސް އެގޮތަށް ތިބެ އެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ އިންޑިޔާ އަންހެން މީހާ މިސްކިތައް ވަނީ، ޓުވަރ ގައިޑަކާއެކު ކަމަށާއި، އޭނާ ހަތިމް ބަލަން އުޅުމުން، އެކަމާއި ގައިޑު ސުވާލުކުރުމުން މުސްލިމެއް ނޫންކަމަށް ބުނެ ހަތިމްތައް ބެހެއްޓި ކަމަށެވެ.
އެ މީހާ ގާތް ގަނޑަކަށް 8 މިނެޓު ވަންދެން މިސްކިތުގައި އިން ކަމަށާއި، އަދި މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އެމީހާ އަމަލުކޮށްފައިވާ ކަމަށް ނުބެލޭ ކަމަށް ވެސް މިނިސްޓަރ ޑރ. ޒާހިރު ވަނީ ވިދާޅުވެފައެވެ.
މިސްކިތުގައި އެއްވެސް މީހަކު ނެތް ވަގުތެއްގައި އެތަނަށް އަރައި މެޑިޓޭޝަންގައި އޭނާ އިނުމުން ބަޔަކު އެކަން ފުލުހުންނަށް ވެސް ރިޕޯޓްކުރިއެވެ. ފުލުހުން ދިޔަ އިރު އެކަހަލަ ކަމެއް އެތަނުގައި ހިނގާކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.








Comments