ދަރަންޏަށް ފައިސާ ނެގުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް- އަމީރު
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ސަރުކާރުގެ ބިންތަކާއި، ޢިމާރާތްތައް ރަހުނުކޮށްގެން ދަރަންޏެއް ނެންގެވުމަށް މަސައްކަތް ނުކުރައްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ބައެއް ސުކޫލުތައް ރަހުނުކުރަން އުޅޭކަމަށް، ބައެއް ނޫސްތަކުން ޚަބަރު ފެތުރުމުގެ ސަބަބުންނެވެ.
މިނިސްޓަރު ވިދާޅުވީ އެސެޓެއްގެ ގޮތުގައި އެއްވެސް ސްކޫލެއް ބޭނުންކޮށްގެން ދައުލަތަށް އެއްވެސް ދަރަންޏެއް ނުނަންގަވާ ކަމަށެވެ. ހަމައެހެންމެ ސްކޫލެއް ނުވަތަ ދައުލަތުގެ އެހެން އެސެޓެއް ރަހުނުކޮށްގެން ދައުލަތަށް ދަރަންޏެއް ނެގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
”ރާއްޖޭގެ އެސެޓްސް ރަހުނުކޮށްގެން އަޅުގަނޑުމެން ދަރަންޏަށް ފައިސާ ނެގުމުގެ އެއްވެސް ވިސްނުމެއް ނެތް. ކޮންވެންޝަނަލް ގޮތަށް ކުރިޔަސް ރަހުނުކުރެވެން އޮވޭ. އެކަމު އެއްވެސް ސަރުކާަރަކުން ކުރާކަމެއް ނޫން އެއީ ރަހުނުކޮށްގެން ލޯނުނެގުން. ކޮންވެންޝަނަލް ގޮތަކަށް ކުރިޔަސް ސުކޫކެއް ވިއްކައިގެން އަޅުގަނޑުމެން ކުރިޔަސް އަޅުގަނޑުމެންގެ ވެސް ވިސްނުމެއް ނޫން އެއީ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބައެއް ބިންތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީއަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުގައި އެދިފައިވާނެ ކަމަށާއި، ސަރުކާރު ހިންގަން އިތުރު ފައިސާ ހޯދަން ދައުލަތުގެ ޢިމާރާތްތައް ރަހުނުކޮށްފައިވާ ކަމަށް ވާހަކަ ފެތުރިގެންދިޔައީ އެ ހިސާބުންކަމަށް ވެސް ވެދާނެ ކަމަށެވެ.








Comments