https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެމްޑީޕީން އެދެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން

  • މާހިރު މުޙައްމަދު
  • Sep 13, 2021
  • 0 min read

ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ހުސްވި މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި، ޓެރަރިސްޓް ހަމަލާއެއްދިންތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އަނެއްކާ ވެސް ބޮމެއް ގޮއްވާލައި، ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭޭނޭކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.


އެމްޑީޕީން މިހެން ބުނެފައިވަނީ ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރަކާއި ގުޅިގެންނެވެ. އެ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި، ދިވެހި ޤައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ. އެމްޑީޕީން ބުނީ މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ހުރުމަތް ކަނޑައި، ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެކަމުން ހާމަވެގެން ދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެގެން ގޮސް، ރައްޔިތުންނަށާއި މުޅި ޤައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރުކަމަށް ވެސް އެމްޑީޕީން ބުންޏެވެ. ”މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤް ރިޕޯޓުގައި ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތުން ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން، އެ މީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާއި ގުޅިގެން، އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ޚިދުމަތްތަކުން އެއަށްފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކެން.“ އެމްޑީޕީގެ ބަޔާނުގައިވެއެވެ. އެހެންވުމުން ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާަކަމީ ކަންބޮޑުވާކަމެއްކަމަށް ވެސް އެމްޑީޕީން ބުންޏެވެ. ހަމައެހެންމެ އެމްޑީޕީން ވަނީ، ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ސަމާލުވެ، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށާއި، ސަރުކާރަށް ގޮވައިލާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page