https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަސްތުވާތަކެތި ބޭނުން ކުރާކަމަށް އެއްބަސްވި މީހެއްގެ ދައުވާ ބާތިލު ކުރި މައްސަލައެއް

  • Writer: Goal mv
    Goal mv
  • Jun 28, 2021
  • 1 min read


މަސްތުވާތަކެތި ބޭނުން ކުރާކަމަށް އެއްބަސްވި މީހެއްގެ ދައުވާ ޑްރަގް ކޯޓުން ބާތިލު ކުރުމުން އެ މައްސަލަ އަލުން ބަލަން އަންގައި ހައިކޯޓުން އެ މައްސަލަ ޑްރަގް ކޯޓަށް ތަހުވީލު ކޮށްފިއެވެ.


ހުޅުމާލެ ޕޯޓް ޖެޓީ ސަރަހައްދުގައި އިތުރު ބަޔަކާއެކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ސ. ފޭދޫ ޒަހަބުގެ ޝިފާން މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމުން، ކެނަބިސް ބޭނުން ކުރާކަމަށް އޭނާ އިއުތިރާފު ވެފައިވާ މައްސަލައެކެވެ.


ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިފާންގެ މަޗަށް ހުށަހެޅަަަައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޑްރަގް ކޯޓަށް ހުށަހެޅިއެވެ.


މައްސަލަ ބެލުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ދައުވާ ބާތިލު ކަމަށް ޑްރަގް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.


ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ދައުވާއަށް އިންކާރު ކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިއާޔަތްކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި، އެ ދައުވާއައިގެން ކުރިއަށް ދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާތިލު ދައުވާއެއް ކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ.


ޑްރަގް ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.


ހައިކޯޓުން އެ މައްސަލަ ބަލައި އިއްޔެ ކުރި ހުކުމްގައި ވަނީ، ޑްރަގް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލު ކޮށް، ޝިފާން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޑްރަގް ކޯޓަށް ހުށަހެޅި ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަކީ އެ ކޯޓުން އަލުން ބަލައި ފައިސަލާ ކުރަން ޖެހޭ މައްސަލައެއް ކަމަށް ގަނޑައަޅައި ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ މައްސަލަ ޑްރަގް ކޯޓަށް ތަހުވީލު ކުރުމަށް މި ގަޒިއްޔާ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.


އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ތިންފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު ހުސެއިން މަޒީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page