މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Jul 1, 2021
- 1 min read

ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށާފައި ވާކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. އަނގޮޅިތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށާއި، އުނގޫފާރު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 16 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހާދީފައެވެ.
މީގެ އިތުރުން، ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި 35 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ނައިފަރު ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.








Comments