ޖަލުގައި ގާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ހުޅުވައިފި
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

މާފުށީ ޖަލުގައި ގާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު 2 ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ހުޅުވުނު ސެންޓަރުގެ ސަބަބުން ޤައިދީންނަށް ޖަލުގައި ތިބެގެން ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ. ހަމައެހެންމެ ކަރެކްޝަންގެ އޮފިސަރުން ކުރާ ޚިދުމަތަކީ ޤައުމީ ޚިދުމަތެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖަލުގައި ތިބި އެންމެންނަކީ ވެސް މުޖުތަމަޢުއަށް ރަނގަޅު ފަރުދުންގެ ގޮތުގައި ވީހާވެސް އަވަހަށް ނެރެވޭނެ ބަޔަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މާފުށީގައި މިއަދު މި ހުޅުވުނު މެޑިކަލް ސެންޓަރަކީ ތިން ފޭސްއަކަށް ބަހާލައިގެން ގާއިމު ކުރެވުނު ދެ ފަންގިފިލާގެ ޢިމާރާތެކެވެ. މި ސެންޓަރުގައި އޯޕީޑީ ކޮންސަލްޓޭޝަންތަކާއި، އެކްސްރޭ ނެގުމާއި، ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ކަރެކްޝަނުން ބުންޏެވެ. އޭގެ އިތުރުން ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކްރައިސިސް ސެންޓަރެއް ވެސް، އެ ސެންޓަރުގައި ގާއިމުކޮށްފައިވެއެވެ. އަދި ލެބޯޓަރީއަކާއި، ދަތުގެ ޚިދުމަތް ފޯރުކޮށްދެން ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، މި ވަގުތު ލެބޯޓަރީ ޓެކްނީޝަނަކާއި، ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ނެތުމުން، އެ ޚިދުމަތްތައް އަވަސް މުސްތަގުބަލެއްގައި ދެވެން ފެށޭނެކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.








Comments